ޑިޖިޓަލް އިކޮނޮމީއެއްގެ މުހިއްމުކަން މިއަދު ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިހުސާސް ކޮށްދީފައިވާ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މުޙައްމަދު މަލީޙު ޖަމާލު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީޙު މިފަދައިން ވިދާޅުވީ ވޯލްޑް ސަމިޓް އޮން ދަ އިންފޮރމޭޝަން ސޮސައިޓީގެ 2020ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ވާހަކަ ދައްކަވަމުންނެވެ.
ޤައުމުގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގަޔާއި ސަރުކާރުގެ ޙިދުމަތްތައް ހަރުދަނާކުރުމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ވަރަށް މުހިއްމު ކަމަށާއި މިއަދު ޑިޖިޓަލް އިކޮނޮމީއެއްގެ ދެމެހެއްޓެނިވި ތަރައްޤީ އާއި ކުރިއެރުމަށް ޑިޖިޓަލް ސަރުކާރެއްގެ ރޯލު ވަރަށް މުހިއްމުކަމަށް މިނިސްޓަރ ފަހަގަކުރިއެވެ.
ރާއްޖެއަކީ ގިނަ ގޮންޖެހުންތަކާއި ދިމާވެފައި އޮތް ޤައުމެއް ނަމަވެސް ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އައިސީޓީ ޑިވޮލޮޕްމަންޓް އިންޑެކްސްއިން އެންމެ ކުރީގައި ރާއްޖެ ހިމެނޭކަމަށް އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީއެވެ.
ރައްޔިތުންގެ އުއްމީދުތައް ފުރިހަމަކުރުމަށްޓަކައި ޑިޖިޓަލް 21ވަނަ ޤަރުނުގެ ޓްރާންސްފޮމޭޝަން އަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ މަގު ހޯދަން ޖެހިފައިވާކަމަށް މިނިސްޓަރ މަލީހު ވިދާޅުވިއެވެ. އެ ގޮތުން ކޮލިޓީ ނެޓްވޯކު ކަވަރޭޖް އާއި އައިސީޓީ ލީގަލް ފްރޭމްވޯކް އާއި ސަބްމެރިން ކޭބަލްތަކުގެ ޑައިވަރސިޓީ އިތުރުކުރަން ޖެހިފައިވާކާމަށް މިނިސްޓަރ މަލީހް ހަމަކުރިއެވެ.
ޑަބްލިއުއެސްއައިއެސްގެ 2020ވަނަ އަހަރުގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސައިންސް ޓެކްނޮލޮޖީ އަދި ކޮމިއުނިކޭޝަން ދާއިރާގެ މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އައިސީޓީ ވެއްޓެއް ޤާއިމުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކާއި ދިމާވެފައިވާ ގޮންޖެހުންތަކާއި ދުނިޔޭގެ އެކި ޤައުމުތަކުގެ ބްރޯޑްބޭންޑް ޑިވައިޑް ކުޑަކޮށްހަރުދަނާކުރުމަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކަށް ވަނީ އަލިއަޅުވާލާފައެވެ. އަދި އައިސީޓީ ދާއިރާގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކޮންމެ ޤައުމެއް ވެސް ސަރުކާރުން ހަރުދަނާ އައިސީޓީ ސްޓްރެޓެޖީއެއް ޤާއިމުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް ވަނީ މަޝްވަރާކުރިއެވެ.