ސްރީލަންކާ ކައިރިން އަލިފާން ރޯވި ޕެނަމާގެ ތެޔޮ ޓޭންކަރުން މޫދަށް އެޅިފައިވާ ތެޔޮ ކަމަށް ބެލެވޭ އެއްޗެއް ލަންކާގެ ކަނޑުގެ އައްސޭރިން ފެނިއްޖެއެވެ.
ލަންކާގެ ނޭވީއިން މަޢުލޫމާތު ދޭ ގޮތުގައި، މި ތެޔޮ ޓޭންކަރުން 1 ކިލޯ މީޓަރު ދުރުންވަނީ ކަނޑަށް ތެޔޮ ލީކުވެފައި ހުއްޓާފެނިފައެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ލަންކާގެ އޮފިޝަލުން އަންނަނީ އެ ޤައުމުގެ ކަނޑުގެ ސަރަހައްދަށް އަދި ކަނޑުގެ ދިރުންތަކަށް މި ކަމުގެ ސަަބަބުން ލިބިފައިވާ ގެއްލުންތައް ދިރާސާކުރަމުންނެވެ. ’ޑައިމަންޑް ސުޕަޓޭންކަރ’ގައި އަލިފާން ރޯވާން ދިމާވެފައިވަނީ އެ ބޯޓުގެ އިންޖީނު ރޫމަށް ދިމާވި މައްސަލައަކުންނެވެ.
2 މިލިއަން ބެރެލްގެ ތެޔޮ ހިފައިގެން އައި މި ބޯޓުގައި އެންމެ ފުރަތަމަ ހިނގި އަލިފާން ވަނީ އެއްކޮށް ނިއްވާލާފައެވެ. ނަމަވެސް އަނެއްކާވެސް ހޯމަ ދުވަހު ވަނީ މި ބޯޓުގައި އަލިފާން ރޯވެފައެވެ. މިހާރު ބޯޓު އޮތީ ކުޑަކޮށް އެއް ފަޅިއަށް އަރިއަޅާލާފައި ކަމަށް ސްރީލަންކާގެ ނޭވީއިން ވަނީ މަޢުލޫމާތު ދީފައެވެ.
ލަންކާގެ އައްސޭރިން 40 ކިލޯމީޓަރު ދުރުގައި ހިނގި މި ހާދިސާގައި، އިންޑިޔާގެ އެއަރ ފޯސްއިންވަނީ ވައިގެ ޒަރީޢާއިންވެސް މި ކަމަށް އެހީތެރިވެދީފައެވެ. އެންމެ ފަހުން އަލިފާން ރޯވެފައި ވަނީ ބޯޓުގެ ކަނާތް ފަޅީގައެވެ. މިއީ، ތެޔޮ ބެރެލްތައް ރައްކާކޮށްފައި ހުރި ދިމާ ނޫން އަނެއް ދިމާލެވެ.