ޔޫކްރެއިންގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތް ކުރަނިކޮށް، ބެލަރުސްގެ އިދިކޮޅު ލީޑަރު މާރިއާ ކޮލެސްނިކޯވާ ހައްޔަރުކޮށްފިކަމަށް ބޯޑަރު އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ކޮލެސްނިކޯވާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި، ޔޫކްރެއިންގެ ބޯޑަރު ހުރަސް ކުރުމަށް މަސައްކަތް ކުރަނިކޮށެވެ. އަދި އޭނާ އާއި އެކު އޮޕޮޒިޝަން ކޯޑިނޭޝަން ކައުންސިލްގެ އިތުރު ދެ މީހަކުވެސް ވަނީ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ އޮފިޝަލުން ބުނެފައެވެ.
އޭނާ އާއި އެކު ގެއްލިފައިވާކަމަށް ބުނެފައިވަނީ ޕްރެސް ސެކެޓްރީ އެންޓޮން ރޮޑްނެންކޯވް އަދި އެގްޒެކިޔުޓިވް ސެކެޓްރީ އިވާން ކްރަވްޓްސޯވްއެވެ. މި ދެމީހުންނާއި ކޮލެސްނިކޯވާ ވަނީ މިދިޔަ ހޯމަ ދުވަހު ގެއްލިގެން ހޯދާފައެވެ. މި ދެމީހުން ވަނީ ޔޫކްރެއިންއަށް އެތެރެވެފައި ކަމަށާއި ޔޫކްރެއިންގެ އެންބަސީއިން މިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކޮލެސްނިކޯވާއާއި ގުޅިގެން މިހާރު ބެލަރުސްގެ ސަރުކާރުން އަންނަނީ ތަހުޤީޤެއް ފެށުމަށް ތައްޔާރުވަމުންނެވެ. ސްޓޭޓް ނޫސް ތަކުން ބުނާ ގޮތުގައި މި ތިން މީހުން ޔޫކްރެއިންއަށް ދިޔުމަށް މަސައްކަތްކޮށްފައިވަނީ ބީއެމްޑަބްލިޔު ކާރެއްގައި އިއްޔެ 4 ޖެހިއިރު ކަމަށެވެ.
މިހާރުގެ ރައީސް އެލެގްޒެންޑަރ ލުކާޝެންކޯއަށް ފާޅުގައި އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެކަކަކީ ކޮލެސްނިކޯވާއެވެ. އަދި ހޯމަ ދުވަހު މާސްކު އަޅައިގެން ތިބި ބަޔަކު އޭނާ ވަގަށް ގެންދިޔަ މައްސަލައިގައި ޖަރުމަނުން އަދި، އިނގިރޭސިވިލާތުން ވަނީ އޭނާ އަށް ވީ ގޮތް އެންގެ ބޭނުންވާ ކަމަށް ފާޅުގައި ބުނެފައެވެ.