ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.
ކޯވިޑް 19 އަށް ފައްސިވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ފައްސިވިކަން އެނގުނީ މާލެއިން ރަށަށް ދިއުމަށްފަހު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ ކޯވިޑް އަށް ފައްސިވުމުންނެވެ. އޭނާ އާއި އެކު އިތުރު ދެމީހުން ކަރަންޓީނުގައި ތިބި ކަމަށާއި އެކަކަކީ އޭނާގެ ދަރިއެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް އޭނާއާއި އެކު ކަރަންޓީނުގައި ތިބި ދެ މީހުން ވަނީ ކޯވިޑ 19 އަށް ނައްސިވެފައެވެ.
ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ އެރަށުން ހޯމް ކަރަންޓީނު ނިންމައި ޓެސްޓު ކުރި މީހުންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 34 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ނަތީޖާ ލިބުނީ މިއަދު ކަމަށެވެ. އަދި ވިދާޅުވީ ޕޮޒިޓިވްވި އަންހެން މީހާ ހޯމް ކަރަންޓީނުގައި ހުރީ އޭނާގެ 18 އަހަރުން ދަށުގެ ދަރިފުޅާއި އިތުރު އަންހެނަކާއެކު އެއްތަނެއްގައި ކަމަށާއި ނަމަވެސް އެ ދެމީހުންގެ ކޮވިޑް ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ
ރާއްޖެއިން މިހާތަނަށް ޖުމުލަ 8741 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބަލިން ފަސޭހަވީ މީހުންގެ އަދަދު 6157 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2549 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިބަލީގައި ރާއްޖެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.