ޤާނޫނީގޮތުން ކުރެވިގެންނުވާނޭ ފަދަ ތުހުމަތުތަކެއް ކުރުމަށްފަހު އެ ތުހުމަތުތަކުގެ މައްޗަށް ތަހުޤީޤީ ބަޔާނެއްނެގުމަކީ ޤާނޫނު ދަންނަ އިޖުރާއަތެއްނޫންކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛް މުހުތާޒު މުޙުސިން ވިދާޅުވެއްޖެއެވެ.
ކުރީގެ ޕީޖީ މުހުތާޒު މުޙުސިން މިހެން ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވުމާއި ގުޅިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެންނެވެ.
ދާދި މިދާކަށްދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލު ބުރު ނިންމައިލުމުގެގޮތުން ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވެތިބި މީހުންނާއި މުޚާޠަބުކޮށް
ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވާހަކަދެއްކެވިއިރު އެ މަނިކުފާނު އަޅުއްވައިގެން ހުންނެވި މާސްކު ތިރިވުމާއި ގުޅިގެން ސަރުކާރުން ވަނީ އެ މަނިކުފާނު އެޗްޕީއޭގެ ޤަވާއިދާއި ޚިލާފުވެވަޑައިގަތްކަމަށް ތުހުމަތުކޮށް ފުލުހަށް ހާޒިރުކޮށްފައެވެ.
ނަމަވެސް ޑރ.ވަޙީދުގެ އެދުމުގެ މަތިން ޤާނޫނީ ވަކީލަކާއި އެއްކޮށް އެ ކަން ކުރިއަށްގެންދިއުމުގެ ގޮތުން ފުލުހަށް ހާޒިރުކުރީ އަންގާރަދުވަހުގައެވެ. މި ގޮތުން ފުލުހުންވަނީ އެ މަނިކުފާނު އެޗްޕީއޭގެ ޤަވާއިދާއި ޚިލާފުވެވަޑައިގަތްކަމަށް ބުނެ 1000 ރ. އިން ޖޫރިމަނާކޮށްފައެވެ.
މި ކަމާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒު މުޙުސިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުސޫލުތަކާއި ޚިލާފަށް ޖޫރިމަނާއެއް ކުރުމުގެ ބޭނުމުގައި ފުލުސްއޮފީހަށް ހާޒިރުކުރުމަށްފަހު ހާޒިރުކުރެވުނު ބޭނުމާއި ގުޅުމެއް ނެތް ބަޔާނެއް ނެގުމަކީ ޤާނޫނު ދަންނަކަމެއް ނޫންކަމަށެވެ. އަދި ޤާނޫނީގޮތުން ކުރެވިގެންނުވާނޭ ފަދަ ތުހުމަތުތަކެއް ކުރުމަށްފަހު އެ ތުހުމަތުތަކުގެ މައްޗަށް ތަހުޤީޤީ ބަޔާނެއްނެގުމަކީ ޤާނޫނު ދަންނަ އިޖުރާއަތެއްނޫންކަމަށް ނޫންކަމަށް ވެސް މުހުތާޒު ވަނީ ވިދާޅުވެފައެވެ.
ފުލުހުން ޑރ.ވަޙީދު ޖޫރިމަނާކޮށްފައިވާއިރު އެ މަނިކުފާނު ވަނީ ފުލުހަށް ހާޒިރުކުރީ ސިޔާސީ ބޭނުމެއްގައިކަމަށް ވިދާޅުވެފައެވެ. އަދި ޢާންމު ތަންތަނުގައި މާސްކު ނާޅުއްވާ އުޅުއްވި އެހެން ސިޔާސީ ލީޑަރުންނަށް ފިޔަވަޅު އަޅާފައިނުވާކަމަށް ވެސް ޑރ.ވަޙީދު ވަނީ ވިދާޅުވެފައެވެ.