ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ގދ. ތިނަދޫގައި މަސައްކަތް ފަށާފައިވާ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މި މަރުކަޒަކީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ މަސައްކަތެއްކަން ބަޔާން ކުރައްވާ މިނިސްޓަރ މަހްލޫފްގެ ޓްވީޓް ވަނީ ކުރައްވާފައެވެ.
ތިނަދޫގެ އިޖްތިމާއީ މަރުކަޒުގެ ބައެއް ފޮޓޯތައް މިނިސްޓަރުގެ ޓްވީޓްގައި ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ބިލިއާޑް އަދި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު އެ މަރުކަޒުގައި ހަމަޖެހިފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނިގެންދެއެވެ. މީގެ އިތުރުން ޖިމްގެ ހިދުމަތް ވެސް އެތަނުން ލިބެން ހުރި ކަމަށް ފޮޓޯތަކުން ފެންނަން ހުއްޓެވެ.
އަދި މީގެ އިތުރުން މި މަސައްކަތް ނިމިފައިވަނީ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރިއެވެ. އެ މަސައްކަތް ނިންމުމުގައި އެފަރާތްތަކުގެ ރޯލު ފާހަގަ ކުރެވިފައިވާ މަޖިލިސް މެމްބަރުންނާއި ކައުންސިލްގެ ނަން މިނިސްޓަރު މަހްލޫފް ވަނީ ފާހަގަ ކުރައްވާފައެވެ.
މިއީ ތިނަދޫގެ ގިނަ ޒުވާނުންނަށް ހިތްހަމަޖެހުން ގެނުވައިދޭނެ މި މަރުކަޒަކަށް ވެގެންދާނެއެވެ.