ކޮވިޑް-19 އަށް ހޯޑެއްދޫން އިތުރު މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 36 އަށް އިތުރުވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވަނީ ހޯޑެއްދޫން އިތުރު މީހަކު ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ގޮތުން ޑރ.ނަޒްލާ ވިދާޅުވީ ހޯޑެއްދޫން މިއަދު އިތުރު ކޭސްއެއް ފެނިފައިވާކަމަށެވެ. އެހެންކަމުން ހޯޑެއްދޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 36 އަށް އިތުރުވެފައިވާކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ހޯޑެއްދޫން ކޮވިޑަށް 36 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވީ 03 ސެޕްޓެމްބަރުގައެވެ. އަދި 04 ވަނަ ދުވަހު ދެ މީހުން ޕޮޒިޓިވްވެފައިވެއެވެ.
މި ގޮތުން ޑރ. ނަޒްލާ ވިދާޅުވީ ފަހުން ޕޮޒިޓިވްވި ދެ މީހުންނާއި ގުޅިގެން 36 ކޮންޓެކްޓުން ފާހަގަކުރެއްވިފައިވާކަމަށާއި އެ މީހުންގެތެރެއިން 19 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޕޮޒިޓިވްވި މި 19 މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 111 މީހުން ތިބިކަމަށާއި އެ މީހުންގެތެރެއިން 63 މީހުންގެ ގައިގާ ޢަލާމާތްތައް ހުރިކަމަށާއި މި ގޮތުން މި ކޮންޓެކްޓުންގެ ތެރެއިން 10 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ހޯޑެއްދޫން 36 މީހަކު ޕޮޒިޓިވްވެ އެ މީހުންގެ ކޮންޓެކްޓުންގެ ސާމްޕަލް ނަގާ ޓެސްޓުކުރަމުން އަންނައިރު އެ ރަށް އޮތީ ކަރަންޓީނުކޮށްފައެވެ.