ޑެލިވަރީ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ޑްރޯން ބޭނުން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެމެރިކާގެ ވޯލްމާރޓް ކުންފުނިން ބުނެފިއެވެ.
ވޯލްމާޓުން ބުނެފައިވަނީ ޑެލިވަރީގެ ހިދުމަތަކީ ބުރަ އަދި އެހާ ގިނަބަޔަކު އެދޭ ހިދުމަތެއް ކަމަށާއި، އެހެން ކަމުން އެކުންފުނިން ޑްރޯން ބޭނުން ކޮށްގެން ޑެލިވަރީގެ ހިދުމަތް ދިނުމަށް ތަހުލީލުތައް ކުރަމުން އަންނަ ކަމަށެވެ.
ވޯލްމާޓުން ވަނީ ޑްރޯން ބޭނުން ކޮށްގެން ޑެލިވަރީގެ ހިދުމަތްދޭ ވީޑިއޯއެއް އާއްމު ކޮށްފައެވެ. ވީޑިއޯއިން ފެންނަނީ ކޮތަޅެއް ހިފައިގެން ޑްރޯން، ގޭގެ ދޮރުމައްޗަށް ކޮތަޅު ތިރިކުރާ މަންޒަރެވެ. އާއްމު ގޮތެއްގައި ޑްރޯން އަކީ މީހަކު އޮޕަރޭޓު ކުރަން ޖެހޭ އެއްޗެކެވެ. ނަމަވެސް އެކުންފުނިން ބުނެފައިވަނީ ޑެލިވަރީ ކުރުމަށް ބޭނުން ކުރާނެ ޑްރޯން ތަކަކީ އަމިއްލަ އަށް އެކަން ކުރުމުގެ ގާބިލްކަން ދެވިފައިވާ ޑްރޯން ތަކެއް ކަމަށާއި، ހަމަ އެކަނި ގޭގެ އެޑްރެސް ޑްރޯން އަށް ފޮނުވާލުމުން ޑެލިވަރީ ކުރުމަށް ޑްރޯން ދާނެކަމަށެވެ. އެހެން ނަމަވެސް މި ހިދުމަތް މުޅިން ފުރިހަމަ ކުރަން އަދި ދުވަސް ނަގާނެ ކަމަށާއި، މިކަމަށް ބޮޑު ހަރަދުތަކެއްވެސް ދާނެ ކަމަށެވެ.
އެކުންފުނިން ބުނެފައިވަނީ، ކަސްޓަމަރުންނަށް ފަސޭހަ އަދި އަވަސ ހިދުމަތެއް ދިނުމަކީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއް ކަމަށާއި، ކޯވިޑް ގެ މިދުވަސް ވަރު ޑްރޯން ބޭނުން ކޮށްގެން ޑެލިވަރީ ކުރުމަކީ ރައްކާތެރި ކަމަކަށްވެސް ވާނެ ކަމަށް ވަނީ ބުނެފައެވެ.