ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ “ބޯ ހަމަޖެހޭ“ ރައީސެއްތޯ ދިވެހި ރައްޔިތުން ސުވާލު އުފައްދާކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “އަޅުވެތިކަމާ ދެކޮޅަށް“ ދިވެހި ރައްޔިތުން ނިކުންނާނެކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވާގޮތަށް ކަންކަން ކުރިއަށްގެންދަވަން ފުރުސަތެއް ނުދެއްވާނެކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން “ދޮލަނގަށް ލައިގެން ވިއްކަން“ ރައީސް ޞާލިޙް ކުރައްވާ މަސައްކަތްޕުޅުތަކަކަށް ދިވެހި ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. އަދި ރައީސް ޞާލިޙަކީ “ބޯ ހަމަޖެހޭ“ ރައީސެއްތޯ ދިވެހި ރައްޔިތުން ސުވާލު އުފައްދާކަމަށް ވެސް ޝުޖާއުވަނީ ވިދާޅުވެފައެވެ.
ޝުޖާއު ވަނީ މީގެ ކުރިން ވެސް މި މޭރުމުން ވާހަކަދައްކަވާ ރައީސް ޞާލިޙަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން ޝުޖާއުވަނީ މި ޤައުމުގަ “ވެރިޔަކު ހުރިތޯ“ ރައްޔިތުން އެބަ ސުވާލު އުފައްދަވާކަމަށް ވިދާޅުވެފައެވެ.