މަސްތުވާތަކެއްޗާއެކު ގދ.ތިނަދޫން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ ތިނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 8 ވަނަ ދުވަހު 13:28 ހާއިރު ޢުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫން ގއ.ކޮލަމާފުއްޓަށް ފުރަން އުޅުމުގެތެރޭގައި އެ ރަށުގެ މަގުމަތިންކަމަށެވެ. އަދި ހައްޔަރުކޮށް ބެލިބެލުމުގައި އޭނާގެ ހަށިގަނޑުތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް ބެލެވޭތީ ކޯޓު އަމުރެއްގެ ދަށުން އެ މީހާ ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު އޭނާގެ ހަށިގަނޑުގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާކަން ހާމަވެފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ ގޮތުން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އެހީތެރިކަމާއެކު އެ އެއްޗެހި ނަގައި ބެލިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ.
އެހެންކަމުން އެ މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި އޭނާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤުކުރަން 15 ދުވަސް ދީފައިވާކަމަށާއި އެ ގޮތުން އެ މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.