ރާއްޖެއިން އިންޓަރނޭޝަނަލް އައިއެސްބީއެން އޭޖެންސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވީޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި ޖަލްސާގެ ބައްދަލުވުން ބާއްވާފައިވަނީ 9 ސެޕްޓެމްބަރ 2020 ވަނަ ދުވަހު އޮންލައިންކޮށެވެ.
މި ޖަލްސާގައި ރާއްޖެ ތަމްޞީލުކުރެއްވީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ އެސިސްޓަންޓް ކްލެސިފަޔަރ އިބްރާހިމް ރިމާޒް އަޙުމަދެވެ.
ރާއްޖޭގައި އައިއެސްބީއެން ނަންބަރު ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ގޮތް މި ބައްދަލުވުމުގެ ބައިވެރިންނަށް ދިވެހިރާއްޖެއިން މަޢުލޫމާތު ހިއްސާކޮށްފައެވެ.
އިންޓަރނޭޝަނަލް އައިއެސްބީއެން އޭޖެންސީގެ މެންބަރަކަށް ދިވެހިރާއްޖެއިން ވުމަށްފަހު ފުރަތަމަ ފަހަރަށް އެ އޭޖެންސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުން އެ އޭޖެންސީގެ އެގްޒެކެޓިވް ޑިރެކްޓަރ ސްޓެލާ ގްރިފިތު ވަނީ އެކަން ފާހަގަކުރައްވައި ރާއްޖެއަށް މަރުޙަބާ ދަންނަވާފައެވެ.
ރާއްޖޭގެ ބައިވެރިވުން ކުރިއަށް އޮތް ޖަލްސާތަކުން ފެނިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް އެކަމަނާ ވަނީ ފަހަގަކުރިއެވެ.
އިންޓަރނޭޝަނަލް އައިއެސްބީއެން އޭޖެންސީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތީ ނޯވޭގެ އޮސްލޯގައެވެ. ނަމަވެސް މިހާރު 2021 ވަނަ އަހަރު އިންޓަރނޭޝަނަލް އައިއެސްބީއެން އޭޖެންސީގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ މޮރޮކޯގެ ރަބާތުގައެވެ.