އެމެރިކާއިން ޗައިނާގެ 1000 އަށް ވުރެ ގިނަ ރައްޔިތުންނަށް ވިސާ ނުދިނުމަކީ ނަސްލީ ތަފާތުކުރުން ކަމަށް ޗައިނާއިން ތުހުމަތުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ވަނީ ޗައިނާގެ 1000 އަށް ވުރެ ކިޔަވާ ކުދިންގެ ވިސާ އަތުލާފައެވެ. ރައީސް ޓަރަމްޕް ވިދާޅުވާ ގޮތުގައި، އެމެރިކާގައި ޗައިނާ މީހުން، ކިޔަވާ ކުދިންގެ ނަމުގައި، ވިސާ ޖަހައިގެން އަންނަނީ އެ ޤައުމުގެ މިިލިޓަރީ ޒަމާނާއި އެއްގޮތަށް ބައްޓަންކުރުމަށް އެހީތެރިވަމުންނެވެ. އަދި ޗައިނާގެ މި ދަރިވަރުންނަކީ އެމެރިކާއަށް ޖާސޫސު ކުރަން ފޮނުވާފައި ތިބި ކުދިންކަމަށްވެސް އެ ޤައުމުން އަންނަނީ ބުނަމުންނެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީއިން ވިދާޅުވާގޮތުގައި، މިފަދަ ވާހަކަތައް އެމެރިކާއިން ހުއްޓާލައި، ވަގުތުން ވަގުތަށް ޗައިނާގެ ދަރިވަރުންގެ ވިސާ ހިފެހެއްޓުން ހުއްޓާލަން ޖެހޭނެއެވެ.
ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާރސަން ޒައޯ ލީޒިއަން، ވިދާޅުވިގޮޮތުގައި، މިއީ ސިޔާސީ ހަރަކާތެއްކަމަށާއި އަދި މިއީ ނަސްލީ ތަފާތުކުރުން ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްއިންވެސް ވަނީ 1000 އަށް ވުރެ ގިނަ ދަރިވަރުންގެ ވިސާ ހިފަހައްޓާފައި ކަމަށް ކަށަވަރުކޮށްދެއްވާފައެވެ.
އެމެރިކާގައި އެހެން އެއްވެސް ޤައުމަކަށްވުރެ ގިނައިން، ޗައިނާގެ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މި ގޮތުން، 370،000 ދަރިވަރުން ތަފާތު ގިނަ ޔުނިވަރސިޓީތަަކުން އަންނަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ.