މިހާރު ފެންނަން މިއޮތް ހާލަތަށް ޤައުމުގެ ކަންކަންދާއިރު ”އެމްޑީޕީއާއެކުވެފައިވާ އެއްބަސްވުންމަތީގައި މި ތިބެނީ ކީއްވެގެންތޯ“ ރައްޔިތުން ސުވާލުކުރަންޖެހޭކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ޓްވިޓަރގައި މިއަދު ވިދާޅުވީ މިހާރު ފެންނަން މިއޮތް ހާލަތަށް ޤައުމުގެ ކަންކަންދާއިރު ޖޭޕީއާއި އެމްއާރުއެމް އާއި ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ރައްޔިތުން ނިކުމެ އެމްޑީޕީއާއެކުވެފައިވާ އެއްބަސްވުންމަތީގައި ދެމި މި ތިބެނީ ކީއްވެގެންތޯ ސުވާލު ކުރަންޖެހޭކަމަށެވެ.
މީގެ އިތުރުން މުޙައްމަދު އިސްމާޢީލް ވަނީ އިސްލާމްދީނާއި ޤައުމުގެ މިނިވަންކަމާއި ދިވެހިންގެ ޤައުމިއްޔަތާއި ވިއްކައި ނިންމާފައިވާ ކަމަށް ވިދާޅުވެ މިހައި ހިސާބައް ޤައުމުގެ ހާލަތު ގޮސްފައިވާއިރު ޤައުމީވަންތަ އިސް ރައްވެހިންނާއި ޒުވާނުން ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި މިއީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި މިނިވަންކަމާއި އިސްތިޤުލާލު ދިފާޢުކުރުމަކީ ހުރިހައި އެންމެންގެ މަސްއޫލިއްޔަތަކައް ވާންޖެހޭކަމަށް ވެސް މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
މުޙައްމަދު އިސްމާޢީލް ވަނީ ޤައުމުގެ މިނިވަންކަން ކަށަވަރުނުވާ ހިސާބަށްދާއިރު ބައެއް ރައްޔިތުން ވަކި ޕާޓީއަކައް ނިސްބަތްވާތީ ޕާޓީގެ ލީޑަރު ރުހިވަޑައިނުގަންނަވާތީ އެ ރައްޔިތެއްގެ ޚިޔާލުފާޅުނުކޮށް ތިބުމަކީ އަޅުވެތިކަމުން ސަލާމަތްވާން ޤައުމަށް އިޚުލާސްތެރި ރައްޔިތުން ކުރަމުންދާ މަސައްކަތުން ރެކުންނޫންތޯ ސުވާލު އުފައްދަވާފައެވެ.
މުޙައްމަދު އިސްމާޢީލް މި ބީދައިން ޚިޔާލުފާޅުކުރައްވާ ޓްވިޓަރގައި ލިޔުއްވާފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައްޔާއި މީސްމީޑިއާގެ އެކި މަންސަތަކުގައި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވައިލަމުންނެވެ. މި ގޮތުން މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅަށް ނިކުމެ އަޑުއުފުލަމުން އަންނަ އިދިކޮޅު ކޯލިޝަނުން ވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލާއި ކަރާމާތް ނެތި ހިނގައިދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭގެ އިތުރުން ޢާންމު ރައްޔިތުންގެތެރެއިން ބައެއް މީހުން ބުނާގޮތުގައި ޤައުމަކީ މަންމަ އެވެ. އަދި މިނިވަންކަން ގެއްލި ދާހިނދު ޤައުމު ކަރުނަ އަޅާ ރޯނެއެވެ. އެހެންކަމުނ ދަރިން ގެ އެހީ އަށް ނުހަނު އެދި އާދޭސް ކުރާނެއެވެ.
ޤާނޫނީ ވަކީލު އަޙްމަދު ޢާޞިފް ވިދާޅުވީ އިންޑިއަން ހަލުވާ ކައިގެން ސާދީކުރާބަޔަކު ސާދީކޮށް، ސުހާގުރާތުހަދާ އެއްދާން ކުރިކަމުގައ ިވިޔަސް މި ވަޠަނަށް ޤައްދާރުވެ މިނިވަންކަން ނަގައިލާއިރު ބައްލަވަން ނުހުންނަވާނެކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ ޅެންބައިތަކުން ޝުޢޫރު ފާޅުކުރި މީހަކު ވަނީ ”މި ދީބުގެ މިނިވަންކަން މި ގެއްލި ނިމިގެން ދަނީ ކުރާނެ ކަމެއް ހަމަނެތޭ! މި ކުރެވޭ ހިތާމައިގެ ބޮޑު ކަމުން ވަކިވެގެން މި ދަނީ ފުރާނަ ހަށިގަޑުން ހިތް ހުއްޓުން ނޫނީ ނެތޭ!“ ބުނެފައެވެ. ހަމައެއާއެކު އޭނާ ވަނީ ”ނޭނގުމަށްވުރެ ވަކީން ދެރަކަމެއް ހަމަނެތޭ ! އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއް ނެތޭ! ލިޔެކިޔަން އެނގުމަކީ އުނގެނުމުގެ ދޮރުކަމުން ލިޔެކިޔަން ނޭނގި އުނގެނުން ފެށޭކަށް ނެތޭ މި ޤައުމުގެ ވެރިންގެ ގޮތުގައި ތިބީ ރޯނު އެދުރުން ކަމުން! މި ދީބުގެ މިނިވަންކަން މި ގެއްލި ނިމިގެން ދަނީ!“ ކަމަށް ވެސް ބުނެފައެވެ.
ނަމަވެސް ރައްޔިތުންގެ ޝުޢޫރުތަކަށް އެމްޑީޕީއާއި މި ސަރުކާރަށް ތާއީދުކުރާ ބޭފުޅުން އަންނަނީ ރައްދުދެއްވަމުންނެވެ. މި ގޮތުން މަޖިލީހުގެ މެންބަރު ރޮޒައިނާ ވަނީ އިދިކޮޅުން މިނިވަންކަން ގެއްލޭ ވާހަކަ ދެއްކުމުން ވަނީ ޖޯކަކަށްކަމަށް ވިދާޅުވެފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރު ވަނީ ޤުދުރަތީގޮތުން ގޮތުން އިންޑިއާއަކީ ރާއްޖެއާއި އެންމެ ކައިރިގައި އޮތް ޤައުމުކަމަށްވެފައި ދެޤައުމުގެ ދެމެދުގައި ހުރި ސަޤާފީ އެއްގޮތްކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަކަމަށާއި އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް އެއް ޤައުމުކަމަށް ބުނުއްވާފައެވެ.