ރާއްޖޭގެ ދެ ރަށެއްގައި ޒަމާނީ ސިއްހީ ވަސީލައްތަކާއި އެކު ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، ސަރުކާރުން ބީލަމަށް އިއުލާނު ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުގެ ދަށުން ގދ. ތިނަދޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބީލަމަށް ހުޅުވާލެވިފައި ވާކަމަށާއި، މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ދައްކަން ވެސް ޖެހޭނެ ކަމަށެވެ.
މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯދުން ކުރިއަށް ގެންދަނީ އިއުލާނުގައިވާ ގޮތުން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ކުރި އިއުލާންގައިވެއެވެ. ކުޅުދުއްފުއްޓާއި ތިނަދޫގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލްގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ކަމަށް ވެސް އިއުލާންގައިވެއެވެ.
ގުޅިފައިވާ ކޯލިޝަން ސަރުކާރުން ވަނީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ގާއިމް ކުރުމަށް ނިންމާފައެވެ. އަދި މީގެ ކުރިން އެކި ރައްތަކުގައި ހުރި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް ޒަމާނީ ފެންވަރަށްވެސް ތަރައްގީ ކުރުމަށް ވަނީ ނިންމާފައެވެ.