ނ.މަނަދޫން ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މަނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މި ގޮތުން އެ ރަށުން ދިވެހި ފިރިހެނަކު ވަނީ ޕޮޒިޓިވްވެފައެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މިރޭ 19:39 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ ލިޔުމުގައި ވަނީ ކޮވިޑާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއެކު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އޭގެ އިތުރުން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެ ރަށުގައި މި ވަގުތު ތިބި އެއްވެސް މީހަކު އެ އެޖެންސީގެ ހުއްދައެއްނެތި ފޭބުމާއި އެއްވެސް މީހަކު އެ ރަށަށް އެރުން މަނާކޮށްފައިވާކަމަށް ވެސް ލިޔުމުގައިވެއެވެ.
މީގެ ކުރިން ވެސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މަނަދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.