ރާއްޖޭގެ ބޮޑު ވިޔަފާރަ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމުގެ ސަބަބުން ގެއްލުންވާނީ މުވައްޒަފުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސިޔާމްގެ ކުންފުނި ތަކުގެ އެކައުންޓުތައް ފްރީޒް ކުރުމަށް ހައި ކޯޓުން އެންގީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން ހުށަހަޅާފައިވާ މައްސަލައިގެ ސަބަބުންނެވެ.
ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ ސިޔާމްގެ ކުންފުނީގެ އެކައުންޓުތައް ފްރީޒް ކުރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވެ މާޔޫސް ވާނީ 1000 އެއްހާ ދިވެހު މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ކަމަށެވެ. އަދި މިކަމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ސިޔާމްގެ އެއްވެސް ކުންފުންޏަކުން ކޯވިޑް 19 ގެ ސަބަބުން އެއްވެސް މުވައްޒަފަކު ވަކިކޮށްފައި ނުވާކަމަށާއި، ހުރިހާ މުވައްޒަފުންނަށްވެސް މުސާރަ ވެސް ދީފައިވާކަމަށެވެ.
އެމަނިކުފާނުގެ ޓުއީޓްގައި އިތުރަށް ވިދާޅުވީ، ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ނުފޫޒު ވަދެފައި ވާކަމަށެވެ.