ރާއްޖޭގައި ބޭރުގައުމެއްގެ އަސްކަރީ މީހުން ރާއްޖޭގައި ގާއިމްވެ ތިބުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރުހޭ ކަމުގައި ވަނީނަމަ، މަޖިލީހުގައި ވެސް ގާނޫނު ތައް ހެދުމަށް ބިދޭސީއިން ގެންނަން ވީނޫންތޯ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދަ މޭރުމަކުން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑީއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުންގެ އިތުރުން އާއްމު ގިނަ ރައްޔިތުން އަޑު އުފުލަމުން އަންނަ ދަނޑިވަޅެއްގައެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ބޭރު ސިފައިން ތިބެން ރުހޭނަމަ މަޖިލީހަށްވެސް ބިދޭސީން ގެންނަންވީނުންތޯ ކަމަށާއި، ހުރިހާ ބާރެއް ހޯއްދަވައިގެންވިޔަސް އަދުގެ ސަރުކާރާއި އެމްޑީޕީގައި ތިބި ކޮރަޕްޓް މީހުން އެކަހެރިކުރެއްވުމަށް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، ޒިންމާދާރު ވުމަކީ އެއީ ކަމަށެވެ. މީގެ އިތުރުން އިންފީރިއަރ ކޮމްޕްލެކްސިޓީގެ ބަޔަކަށް ދިވެހި ސިފައިން ވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ކުރެއްވި ޓުއީޓުގައި ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބޭރުގައުމެއްގެ އަސްކަރީ ބާރަކުން ގައުމުގައި ތިއްބެއް ކަމަކު ގައުމުގެ މިނިވަންކަން ގެއްލެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އައްޑޫގައި ވެސް މީގެ އަހަރު ތަކެއް ކުރިން އިނގިރޭސި ސިފައިން ތިބި ކަމަށެވެ. އަދި 19 ދިވެހިންގެ ލޭ އޮހޮރިގެން ދިޔަ 3 ނޮވެމްބަރުގެ ހަމަލާއަށް ފަހުވެސް ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބިކަމަށެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެގައުމުން ހަދިޔާ ކުރި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އެނގޭ ދިވެހި ޕައިލެޓަކު މިގައުމުގައި ނެތް ކަމަށް ބުނެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އިންޑިއާ އަސްކަރީ ސިފައިން ރާއްޖޭގައި ތިބެނީ ދިވެހި ބިން މަޑު މަޑުން އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް ކަމަށާއި، މިކަމުގެ އަޑީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލުހުގެ އިތުރުން ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވާ ކަމަށެވެ.