24 މީހުނާއި އެކު ގދ. މަޑަވެލީ މަސް ދޯންޏެއް އެރަށު ބަނދަރުގައި ކަރަންޓީނު ކޮށްފިއެވެ.
މަޑަވެލީ ކައުންސިލްގެ ރައީސް ވިދާޅުވީ، އެރަށު މަސްދޯނި ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހު މަސްކިރުމަށް ހުޅުމާލެއަށް ދިއުމަށް ފަހު އެދޯނީގެ ބައެއް ފަޅުވެރިން ހުޅުމާލެއަށް ފައިބާ ހެދުމުންނެވެ. އަދި އެދޯނިން މީހުން ހުޅުމާލެއަށް ނުފައިބާ ކަމުގެ ޔަގީން ކަން އެދޯނީގެ ކެޕްޓަނަށް ދެވިފައި ނުވާކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް އެދޯނިން ވާހަކަ ދެއްކި އިސް ފަޅުވެރިޔަކު ބުނީ އެދޯނި ކަރަންޓީނު ކުރީ ސައްހަ ނޫން މައުލޫމާތު ތަކެއްގެ މައްޗަށް ބިނާ ކޮށް ކަމަށާއި، އެދޯނީގައި ތިބި ފަރާތްތަށް ކަރަންޓީނު ކުރުމުން އެމީހުންގެ ޒަރޫރީ ކަންކަން ވެސް ފުރިހަމަ ނުވެ ހުރި ކަމަށެވެ. އަދި ކަރަންޓީނު ކޮށްފައިވާ ދޯނީގައި ކާބޯ ތަކެތިވެސް ވަރަށް މަދުވެފައި ހުރިކަމަށާއި، އެހެން ނަމަވެސް ދޯނި ކާރިއަށް ތަކެތި ގެންދިއުމުގެ ހުއްދަވެސް އަދި ދީފައި ނުވާކަމަށެވެ.
މަޑަވެލީ ދޯނި 24 މީހުނާއި އެކު ކަރަންޓީނު ކޮށްފައި ވާއިރު ކޯޒްވޭ އަކުން އެރަށާއި ގުޅިފައިވާ ހޯނޑެއްދޫ އިން ވަނީ ގިނަބަޔަކު ބައްޔަށް ފައްސި ވެފައެވެ. އެރަށުން 38 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.
ރާއްގެއިން މިހާތަނަށް މި ބައްޔަށް 8990 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. އަދި ރާއްޖެއިން މިބަލީގައި 31 މީހަކު ވަނީ ނިޔާވެފައެވެ.