ގދ. ހޯޑެއްދޫއިން ގިނަބަޔަކު ކޯވިޑް 19 އަށް ފައްސިވުމާއު ގުޅިގެން އެޗްޕީއޭއިން އެރަށް ކަރަންޓީނަށް ލުމުން ރަށުގެ އާއްމު ރައްޔިތުން އަމަލުކުރަން ޖެހޭނެ އުސޫލުތައް ހޯޑެއްދޫ ކައުންސިލުން އާއްމުކޮށްފިއެވެ.
ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަޔާޟް ސޮއި ކުރައްވާ ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މިވަގުތު އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތުމުން ހުއްދަ ދެވިފައިވަނީ ވަކި ކަންކަން ކުރުމަށް ކަމަށެވެ. އެގޮތުން، ރަށު ގޭބިސީ ތަކުގައި އުފެދޭ ކުނި އުކާލެވޭނީ ހެނދުނު 09:00 އިން 11.00 ކަމަށާއި، ދަނޑު ވެރިކަން ކުރާ ފަރާތްތަކަށް ދަނޑު ތަކަށް ދެވޭނީ ކޮންމެ ދުވަހަކުވެސް ހެނދުނު 06:00 އިން 08:00 އާއި ދެމެދު ކަމަށާއި، އަދި ހަވީރު 16:00 އިން ފެށިގެން 17:30 ހާއި ހަމައަށް ކަމަށެވެ. އަދި ކޮންމެ ގެއަކުންވެސް ދަނޑަށް ދެވޭނީ އެންމެ މީހަކަށް ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މަޑަވެލީ ފިހާރަތަކުން ޑެލިވަރީ ކޮށްގެން ހޯޑެއްދޫއަށް ގެންނަ ތަކެތި ކޯޒްވޭގެ ފުލުހުންގެ ލައިނަށް ގެނައުމުން ރައްކާތެރި ކަމާއި އެކު އެތަކެތި ގޭގެއަށް ގެންގޮސް ދޭނެ ކަމަށާއި، ޑެލިވަރީގެ ހުދުމަތް ހޯދުމަށް 7779143 އަށް ގުޅުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ހޯނޑެއްދޫ އަކީ މާލެ ސިޓީ ފިޔަވައި ރާއްޖޭގައި އެއް ރަށަކުން އެންމެ ގިނަ މީހުން ފައްސިވި ރަށެވެ. ޖުމްލަ 38 މީހަކު ބައްޔަށް ފައްސިވެފައި ވާއިރު ތުއްތު ކުދިންގެ އިތުރުން އުމުރުން ދޮށީ ބޭފުޅުންވެސް ވަނީ ބައްޔަށް ފައްސިވެފައެވެ.