ޗައިނާއިން އެމެރިކާގެ އިންތިޚާބާއި ދިމާކޮށް ސައިބަރ ހަމަލާދޭކަމުގެ ތުހުމަތުތަކަށް އެ ޤައުމުން އިންކާރުކޮށްފިއެވެ.
ބެއިޖިންގްއިން ވަނީ ޗައިނާގެ ހެކަރުން ބޭނުންކޮށްގެން އެމެރިކާގެ އިންތިޚާބަށް ހަމަލާދޭ ކަމަށް އެމެރިކާގެ ބޮޑު ކުންފުންޏެއް ކަމަށްވާ މައިކްރޯސޮފްޓްއިން ކޮށްފައިވާ އެންމެހާ ތުހުމަތު ތަކަށް އިންކާރުކޮށްފައެވެ.
މައިކްރޯސޮފްޓްއިން ވަނީ މި ހަފްތާ ތެރޭގައި އެ ޤައުމުގެ ރިޔާސީ ކެނޑިޑޭޓު ކަމަށްވާ ޖޯ ބައިޑެންގެ ކެމްޕޭންއަށް ޗައިނާ އިރާން އަދި ރަޝިޔާ އެކުވެގެން ހެކަރުން ބޭނުންކޮށްގެން ސައިބަރ އެޓޭކުތަކެއް ދޭ ކަމަށް އިންޒާރުދީފައެވެ. ނަމަވެސް ޗައިނާއިން މިއަށް ދީފައިވާ ރަށްދަކީ މައިކްރޯސޮފްޓްއިން ހަދަނީ ދޮގު ކަމަށާއި، އެއީ ފިތުނަ އުފައްދަން ދައްކާވާހަކަ ތަކެއްކަމަށް ބުނެފައެވެ.
”އެމެރިކާގެ އިންތިޚާބަކީ އެމެރިކާގެ ދާޚިލީ ކަމެއް“ ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ޒާއޯ ލީޖިއާން ވިދާޅުވިއެވެ.
މި ފަހަކަށްއައިސް، ޗައިނާ އަދި އެމެރިކާ މިވަނީ ގިނަ ގުނަ އެތައް ކަމެއްގައި ކޯޅެންފަށާފައެެވެ. މި ގޮތުން ޗައިނާގެ ވީޑިޔޯ އެޕް ޓިކްޓޮކް އެމެރިކާގައި މަނާ ކުރުމާއި، ޗައިނާގެ ދަރިވަރުންތަކެއްގެ ވިސާ އެމެރިކާގައި ކެންސަލް ކުރުން ހިމެނެއެވެ.