ސެޕްޓެމްބަރު މަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެގޮތުގައި 59.1 މިލުއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައިވާގޮތުން މި މަހުގެ 03 ވަނަ ދުވަހާއި ހަމައަށް 14105 މީހުން ވަނީ އިންކަމް ސަޕޯޓް އެލަވަންސަށް ހުށަހަޅާފައެވެ. މި ގޮތުން އޭގެތެރެއިން 6388 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެގޮތުގައި 59.1 މިލުއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.
އިންކަމް ސަޕޯޓް އެލަވަންސަކީ ކޮވިޑާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީވުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ އެލަވަންސެކެވެ.
މި އެލަވަންސް ދިނުމުގެ އުސޫލުތަކަށް ދާދި ފަހުން ބަދަލުތަކެއް ގެނެސްފައިވާއިރު ވަޒީފާއަދާކުރާ ފަރާތްތަކުގެތެރެއިން ހުސްވިއަހަރުގެ ޑިސެމްބަރު 1 ގެ ފަހުން ޢާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މި އެލަވަންސަށް ހުށަހެޅޭނެއެވެ. ނަމަވެސް މީގެ ކުރިން މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ ހުސްވި މާޗުމަހުން ފެށިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.