މިއަދުގެ އެއްވުމުގައި ބައިވެރިވި ޒުވާނުން ހައްޔަރު ކުރުމަކީ ފިނޑި އަދި އެހާމެ ނާތަހުޒީބު އަމަލެއް ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ގައުމުގެ މިނިވަން ކަން ނަގާލުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެކަމާއި ދެކޮޅަށް ޒުވާނުން އިސްނަގައިގެން ވަނީ މާލޭގައި ސައިކަލު ބުރެއް ބާއްވާފައެވެ. ނަމަވެސް ކޯވިޑް ގެ މިދުވަސް ވަރު އެފަދަ ހަރަކާތްތަށް ނުހިންގުމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ފުލުހުން ވިދާޅުވެފައިވަނީ އެފަދަ ކަންކަން ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިއަދު ބޭއްވި އެއްވުން ފުލުހުންވަނީ ހުއްޓުވާ، ބައެއް ފަރާތްތަށް ހައްޔަރުވެސް ކޮށްފައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލް ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންގެވި، އަނިޔާވެރި ދުސްތޫރާއި ހިލާފު އަމަލެއް ކަމަށެވެ. އަދި އެއްވުމުގައި ބައިވެރިވި ޒުވާނުންނާއި ދެކޮޅަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށް ޒުވާނުންތަކެއް ހައްޔަރުކުރުމަކީ ފިނޑި، ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި އަނިޔާކުރިޔަސް ގަދަވާނީ ރައްޔިތުންގެ ބާރު ކަމަށާއި ޒުވާނުންގެ އަޑަކީ މުޅި ޤައުމްގެ އަޑު ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އަދުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ އިންޑިއާގެ އަޅުވެތި ކަމަށް ގައުމު ގެންދަން ކަމަށާއި، އެކަމަށް އެކޯލިޝަނުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މިގޮތަށް ކަންކަން ވަމުންދާއިރު ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައިގެން ގޮސްފައިވާކަމަށްވެސް އެކޯލިޝަނުން ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ކުރާ ތުހުމަތު ތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނަމުން ދަނީ އެކޯލިޝަނުން އެގޮތަށް ބުނަމުން ދަނީ ރައްޔިތުންގެ މަންފާއަށް ވުރެއް ބޮޑަށް އަމިއްލަ މަންފާއަށް އިސްކަންދޭތީ ކަމަށެވެ.