މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުން ޒުވާން ބަތަލާ ސުޝާންތު ސިންގ ދިޔައީ އިންޑިއާގެ ފަގީރުންނަށް އެހީވުމަށް އާޓިފިޝަލް އިންޓެލިޖަންސް ހިމެނޭނޭ އެޕްލިކޭޝަނެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ލަވަ ކިޔުންތެރިޔާ، އާރިއަން ރޮމާލް ބުނެފިއެވެ.
އާރިއަން ބުނި ގޮތުގައި ސުޝާންތަކީ އަބަދުވެސް ނިކަމެތިންނަށް އެހީ ވަމުން ދިޔަ މީހެއް ކަމަށާއި، އެނާ ދިޔައީ ފޯނުގެ ޒަރިއްޔާ މެދުވެރިކޮށް ނިކަމެތި ފަގީރުންނަށް އެހީވެވޭނެ މަގެއް ހޯދަމުން ކަމަށެވެ. ނަމަވެސް އޭނާގެ އެހިޔާލު އެއްވެސް މީހަކާއި ހިއްސާ ނުކުރާ ކަމަށާއި، ސަބަބަކީ އޭނާގެ ހިޔާލު އެހެން ބަޔަކު ވަގަށް ނަގައިގެން ބޭނުން ކުރުމުގެ ބިރު އިތުމުން ކަމަށްވެސް އާރިއަން ވަނީ ބުނެފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި އާރިއަން އާއި ސުޝާންތު ވަނީ އެކަމުގެ ވާހަކަ 2019 ވަނަ އަހަރުގެ މެދުތެރޭގައި ދައްކާފައެވެ. އަދި އެކަމަށް ހަރަދުވާނެ ފައިސާވެސް ސުޝާންތު ހަމަޖައްސައިފައި ހުރިކަމަށްވެސް ވަނީ ބުނެފައެވެ. އަދި މަސައްކަތް ކުރަމުން ދިޔައީ މިއަހަރު ނިމުމުގެ ކުރިން އެޕްލިކޭޝަން ނިންމާ ބޭނުން ކުރުމަށް ކަމަށްވެސް ވަނީ ރިޕޯޓުތަކުން ބުނެފައެވެ .
ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތް މިދިޔަ ޖޫން މަހު ދަން ޖެހިގެން މަރުވުމާއެކު ބޮލީވުޑްގެ ތަރިންގެ ”ނުފެންނަ މަންޒަރު“ ތައް ދަނީ ފަޅާ އަރަމުންނެވެ. އެގޮތުން ބޮލީވުޑްގައި ހުރި ތަފާތުކުރުންތަކުގެ ވާހަކަ އާއި ބޮލީވުޑްގައި ހިނގާ ޖިންސީ ތަފާތުކުރުންތަކުގެ ވާހަކައިގެ އިތުރުން ބޮލީވުޑްގެ ފަންނާނުން މަސްތުވާތަކެތި ބޭނުން ކުރުން އާންމުވެފައިވާކަން ވެސް މިހާރު ހާމަވާ ވާހަކަތަކަށް ބަލާލުމުން އެނގެއެވެ.