އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހަކުރު ބަލީގެ ހައި ރިސްކް ބަލިމީހުން ފަސޭހައިން ހޯދޭނެ ގޮތުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.
ކޮމަންވެލްތްގެ ފަރާތުން ބޭއްވި ޔޫތް ޓެކް އެންޑް އޭއައި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވިއެވެ.
މިގެ އިތުރުން ކޯވިޑް-19ގެ ހާލަތުގައި އާއްމުންގެ ޞިއްޙީ ހާލަތާއި ޒާތީ މަޢުލޫމާތު ރައްކާތެރިކުރުން ވަރަށް މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި މުޖުތަމައަށް މަންފާ ހުރި ކަންތައްތައް ކުރެވެން އެބަހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޭއައި އާއި މެޝިން ލަރނިންގ އަށް ހާއްސަކޮށްގެން 2 ޓްރެއިނިންގ މަރުކަޒު ޤާއިމު ކުރުމަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާކަމަށެވެ.
ރާއްޖޭގެ ކުރިއެރުމަށް އޭއައިގެ ދައުރު ކުރިއަށް އޮތް ތަނުގައި ވަރަށް މުހިއްމު ކަމަށާއި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ރައްކާތެރިކަމުން ފެށިގެން ހަކަތައިގެ ބޭނުންތަކަށް މި ޓެކްނޯލޮޖީ މުހިއްމު ކަމާއި މޫސުމަށް އަންނަ ބަދަލުތަކުގައި ވެސް އޭއައި ފަދަ ޓެކްނޯލޮޖީތަކުގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރެވިދާނެ ކަމަށް މިނިސްޓަރ ފަހަގަކުރެއްވިއެވެ.
”މިއަދު އޭއައި ހަލުވިކަމާއެކު އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އެއްޗަކަށް ވަމުން އެބަދޭ. އުއްމީދަކީ އޭއައިގެ އެހީގައި އާއްމު މީހާގެ އަޑު ހަރުވެ، އިންސާނީ ހައްގުތަކުގެ އިމުގެ ތެރެއިން އޭއައިގެ ޙިދުމަތްތައް ފޯރުކޮށްދެވުން މި އުއްމީދު ހާސިލްކުރުމަށް މިވަގުތު ގޮންޖެހުންތައް ހުރިކަމުގައި ވީނަމަ ވެސް އެންމެން ގުޅިގެން މި އުއްމީދަށް ވާސިލިވުމަށް މަސައްކަތް ކުރަން ޖެހިފައިވޭ.“މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.
އޭ.އައި އެތިކްސް އާއި ބެހޭ ނޭޝަނަލް އަދި ސަބްނޭޝަނަލް ޕޮލިސީ ކަރުދާސްތައް ކިތަންމެ ގިނަ ނަމަވެސް ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގެ ކަންބޮޑުވުންތަކުގައި ގޮތް ކަނޑައެޅިފައި މިފަދަ ޕޮލިސީތަކުގައި ނުވާކަމަށާއި ރާއްޖޭގެ މާހައުލާއި ގުޅޭ ޕޮލިސީ ޕްރޭމްވޯކް އެއް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރ ފަހަގަކުރިއެވެ.