އެންމެ ފުރަތަމަ އިސްލާހުވެވަޑައިގަންނަވާންވީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
”އިންޑިއާ އައުޓް“ ގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގަމުންދާ ހަރަކާތްތަކަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން އެ ފަދަ މީހުންނާއި ގުޅިގެން ކުރަމުން އަންނަކަމެއްކަމަށެވެ. މި ގޮތުން ރައީސް ނަޝީދު ތުހުމަތު ކުރައްވާގޮތުގައި އެ ހަރަކާތްތަކަކީ އައިއެސްއިން ރާއްޖެ ހިފުމުގެ ޕްލޭނެކެވެ. އަދި މި ކަމުގައި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ނާޖާއިޒު ފައިދާ ނަންގަވާކަމަށް ވެސް ރައީސް ނަޝީދު ތުހުމަތުކުރައްވައެވެ.
ރައީސް ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެންމެ ފުރަތަމަ އިސްލާހުވެވަޑައިގަންނަވާންވީ ރައީސް މުޙައްމަދު ނަޝީދު ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ހަރުކަށިފިކުރާއި ގުޅިގެން ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން ސަޢީދު ވަނީ ހައްދު ފަހަނައެޅުމުން ދުރައްޖެހިވަޑައިގެން އެމްޑީޕީގެ ވެރިއަކީ ކޮބައިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާހަކަދައްކަވައިގެން ނިންމެވުމަށް ދަންނަވާފައެވެ. އަދި ގޮތް ކިޔުއްވާންވާނީ ޤައުމީ ކަންކަމުގައި އެކަނިކަމަށް ވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.