ސްރީލަންކާގެ ނޭވީގެ ޑައިވަރުންތަކެއް އަލިފާނުގެ ސަބަބުން އަނދާފައިވާ ތެޔޮ ޓޭންކަރުން ތެޔޮ ލީކުވާ ތަންކޮޅެއް ފޫބައްދައި ރަނގަޅުކޮށްފިއެވެ.
ނިޔު ޑައިމަންޑް ނަމަކަށް ކިޔާ މި ތެޔޮ ޓޭންކަރު، ލަންކާގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް ވަނީ އަލިފާން ރޯވެފައެވެ. އަދި ލަންކާގެ ނޭވީ އިން މަޢުލޫމާތުދޭ ގޮތުގައި، ގިނަ ޢަދަދަކަށް ތެޔޮ މި ބޯޓުން ލީކުވެފައި ނުވި ނަމަވެސް، ޑީސަލް ފިޔުލް ވަނީ އިންޑިޔާ ކަނޑުގެ 2 ކިލޯމީޓަރަށް ފެތުރިފައެވެ.
ފިޔުލް ކަނޑަށް އެޅިފައިވަނީ، ބޯޓަށް ފެން އެތެރެކުރާ ހޮޅިތައް ހަލާކުވެގެންނެވެ. ނޭވީގެ ސްޓޭޓްމެންޓް އިން ބުނާ ގޮތުގައި، މި ލީކުވެސް އަދި ބޯޓުގެ ދަށުން ތެޔޮ ލީކުވާނޭހެން ހީވާ ތަންތަންވެސް މިހާރުވަނީ ޑައިވަރުން ފައިބައިގެން ބައްދާފައެވެ.
މި ބޯޓުން މިހާތަަނަށް 270،000 ޓަނުގެ ތެޔޮ ވަނީ އަލިފާނުގެ އަސަރު ނުހިފައި ސަލާމަތްކޮށްފައެވެ. ނަމަވެސް، ލަންކާގެ ތިމާވެށީގެ މާހިރުން އަދިވެސް ވިދާޅުވާގޮތުގައި، 1700 ޓަނުގެ ފިޔުލް ލީކުވުމުގެ ސަބަބުން އެ ޤައުމުގެ ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.
މި ތެޔޮ ޓޭންކަރުގައި ހިފާފައިވާ އަލިފާންގަނޑު ނިއްވުމުގައި އިންޑިޔާ ސިފައިންގެ އެހީތެރިކަންވެސް ލަންކާގެ ނޭވީ އަށް ވަނީ ލިބިފައެވެ. އަދި އިންޑިޔަން އެއަރ ފޯސްއިން ވަނީ ވައިގެ މަގުން މި ބޯޓަށް ކެމިކަލް އަޅައިގެން މި އަލިފާންގަނޑު ކޮންޓްރޯލުކުރުމަށް އެހީތެރިވެދީފައެވެ. ލަންކާ ސަރުކާރުން ވަނީ އިންޑިޔާ ސިފައިންނަށް ކޮށްދެއްވި މަސައްކަތަކަށް ޝުކުރުއަދާކުރައްވާފައެވެ.