އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނިކުމެ މުޒާހަރާކުރަނީ ސަރުކާރުގެ ސިޔާސަތު ގޯސްވެ ޤައުމަށް ނުރައްކާވާ ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިއުމުންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ބެލެވޭގޮތުން ޑރ.ޖަމީލުގެ މި ޓްވީޓަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަކަށް ރައީސް ނަޝީދު މެސެޖުކުރައްވާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ދެއްވާފައިވާ ރައްދެއްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ހިންގަމުންދާ ހަރަކާތްތަކަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން އެ ފަދަ މީހުންނާއި ގުޅިގެން އެ ކޯލިޝަނުން ކުރަމުން އަންނަކަމެއްކަމަށެވެ. އަދި މި ކަމުގައި އެ ކޯލިޝަންގެ އިސްބޭފުޅުން ނާޖާއިޒު ފައިދާ ނަންގަވާކަމަށް ވެސް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ.
މި ގޮތުން ޑރ.ޖަމީލް ވިދާޅުވީ ރާއްޖެއަކީ ސިޔާސީ މިނިވަންކަން ބަލައިގަނެފައިވާ ޑިމޮކްރެޓިކް ޤައުމެއް ކަމަށާއި އިދިކޮޅު ކޯލިޝަނުން މަގުމައްޗަށް ނިކުމެ މުޒާހަރާކުރަނީ ސަރުކާރުގެ ސިޔާސަތު ގޯސްވެ ޤައުމަށް ނުރައްކާވާ ހިސާބަށް ކަންކަން ބޮއްސުންލައިގެން ދިއުމުންކަމަށެވެ. އަދި ސަރުކާރު ހަމަމަގަށް އަޅުވަން އިޙުތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު މިއަދު ބަދަލުވެފައިވަނީ ޤައުމީ މަސްލަހަަތަށްވުރެ އަމިއްލަ މަންފާ އިސްކުރާތީކަމަށް ވެސް ޖަމީލް ވަނީ ތުހުމަތުކުރައްވާފައެވެ.
ސަރުކާރު ހަމަމަގަށް އަޅުވަން އިޙުތިޖާޖުކުރުމަކީ މޮޅު ގޮތްކަމަށް ވަކާލާތުކުރި މީހުންގެ ރާގު މިއަދު ބަދަލުވެފައިވާކަމަށް ޑރ.ޖަމީލް ވިދާޅުވެފައިވާއިރު މީގެކުރިން އެ މަނިކުފާނުގެ ގެންގުޅުއްވީ އެހެން ރާގެކެވެ. މި ގޮތުން ރައީސް ޔާމިނުގެ ޒަޢާމަތުގެ ފަހު އަހަރުގައި ނައިބު ރައީސްކަމުން ޖަމީލް ދުރުކުރެއްވުމާއެކު ވިލާތުގައި ހުންނަވައިގެން ”އިންޑިއަން އެކްސްޕްރެސް“އަށް ދެއްވި އިންޓަވިއުއެއްގައި ޖަމީލް ވަނީ ރާއްޖެ ހަމަ މަގަށް އެޅުވުމަށް ރައްޔިތުންނަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްފިކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައްޔިތުން އިންސާފު ހޯދަން ދާނެތަނެއް ނެތް ކަމަށާއި ދެން އޮތްގޮތަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ކޮށްދެވެން ހުރި ކަންކަންކަމަށާއި އެ ކަމުގައި އަވަށްޓެރި އިންޑިއާއަށް ލީޑް ރޯލެއް އަދާކޮށްދެވޭނެކަމަށް ވިދާޅުވެފައެވެ.