އިދިކޮޅު ކޯލިޝަނަކީ އެމްޑީޕީ ކަހަލަ ލާދީނީ ބައިގަނޑެއް ނޫންކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ) ވިދާޅުވެއްޖެއެވެ.
މެންބަރު މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ”އިންޑިއާ އައުޓް“ ހޭޝްޓެގް ބޭނުންކޮށްގެން އިދިކޮޅު ކޯލިޝަނުން ހިންގާ ހަރަކާތްތަކަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގަމުން އަންނަ ހަރަކާތްތަކެއްކަމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.
މި ގޮތުން ރައީސް ނަޝީދަށް ރައްދު ދެއްވައި މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ މާތް ﷲ އާއި އެ އިލާހުގެ ރަސޫލާ(ޞޢވ) އަށް ފުރައްސާރަކުރާ އެމްޑީޕީ ކަހަލަ ލާދީނީ ބައިގަނޑެއް ނޫންކަމަށެވެ. އެހެންކަމުން ރައީސް ނަޝީދަށް ކަށިވެސް ފެނިވަޑައިގަންނަވާނީ ހަރުކޮށްކަމަށް މެންބަރު މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު މުޙައްމަދު ނަޝީދު ވަނީ މި ސަރުކާރުން ކިތަންމެ ބޭނުންވިޔަސް ”އިންޑިއާ އައުޓް“ ނޫންގޮތެއް ނޯންނާނެކަމަށް ވިދާޅުވެ ވަރުގަދަ ރައްދެއް ދެއްވާފައެވެ. އަދި ”މީ ފަޚުރުވެރި ދިވެހި ބިން“ ކަމަށް ވެސް މެންބަރު މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މެންބަރު މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވަނީ ”އިންޑިއާ އައުޓް“ އޭ ކިޔާފައި ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސްގެ ސެލްތަކުންކަމަށާއި އެކަން ބައިނަލް އަޤްވާމީ އިދާރާތަކަށް ސާފުވެފައިވާކަމަށް ވެސް ވިދާޅުވެފައެވެ.