ލާދީނީ ފިކުރުގެ މީހުން ދެކޭގޮތުގައި މާތް ﷲ އާއި އެ އިލާހުގެ ރަސޫލާ(ޞޢވ) އަންގަވާފައިވާ ފުރިހަމަ ރިސާލަތު ތެދުކޮށް ޤަބޫލުކޮށް އެ ގޮތަށް އުޅުމަށް މަސައްކަތްކުރާ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ މީހެއްކަމަށް އައްޝެއިޚު އާދަމް ނިޝާން ބިން ޢަލީ އާދަމް ވިދާޅުވެއްޖެއެވެ.
”އިންޑިއާ އައުޓް“ ގެ ހޭޝް ޓެގާއެކު ޝެއިޚު ނިޝާން މިހެން ވިދާޅުވީ ”އިންޑިއާ އައުޓް“ އަކީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތެއްކަމަށާއި އެކަމުގެ އަޑީގައި ތިބީ އައިސިސްކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވުމާއި ގުޅިގެންނެވެ. މި ގޮތުން ރައީސް ނަޝީދުގެ މި ވާހަތަކަށް ރައްދު ދެއްވައި ޝެއިޚު ނިޝާން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޝެއިޚު ނިޝާން ވިދާޅުވީ މިއަދު ފެންނަމުންދަނީ އިންޑިއާއަށް ގޮސް ދީން ބަދަލުކޮށް ނަޞާރާދީނަށް ވަދެވަޑައިގެން މުރުތައްދުވި 09 ވަނަ ޙަސަން ރަސްގެފާނު ޕޯޗުގީޒުން ރާއްޖެއަށް ގެނެސް އަޅުވެތިކުރި ގޮތަށް މި ތަން އަޅުވެތިކުރަން އުޅޭތަންކަމަށެވެ.
މި ގޮތުން މިކަމާއި ދެކޮޅަށް ތެދުވެ އަޑުއުފުލާ ކޮންމެ ބައެއްގެ ގައިގާ ހައްދުފަހަނައަޅާފައިވާ ބައެއްގެ ލޭބަލް ޖެހުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށާއި މާތް ﷲ އާއި އެ އިލާހުގެ ރަސޫލާ(ޞޢވ) އަންގަވާފައިވާ ފުރިހަމަ ރިސާލަތު ތެދުކޮށް ޤަބޫލުކޮށް އެ ގޮތަށް އުޅުމަށް މަސައްކަތްކުރާ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ މީހެއްކަމަށް ލާދީނީ މީހުން ދެކޭކަމަށެވެ.
މީގެ އިތުރުން ޝެއިޚު ނިޝާން ވަނީ ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމީ ދިވެހި ދީބު ކާފަރުންގެ އަޅުވެތިކަމަށް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން ޙަޤީޤަތް ފޮރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކުރައްވައި ތާރީޚުގައި ކަން ހިނގާފައި އޮތީ ވެސް ހަމަ މިފަދަ ގޮތަކަށްކަމަށް ވިދާޅުވެފައެވެ.
އަދި އެ މީހުންނަށް ވެގެންވާނަމަ ދިވެހި ތާރީޚު އަލުން ލިޔެ އަލި ރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނަކީ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓުން ކަމަށް ސިފަކުރާނެކަމަށް ވެސް ޝެއިޚު ނިޝާން ވިދާޅުވިއެވެ. އޭގެ އިތުރުން އެ މީހުންނަށް ވެގެންވާނަމަ ޕޯޗުގީޒުންނާއި މަލާބާރިން ނުވަތަ ހޮޅިންނަކީ “ފްރީޑޮމް ފައިޓަރސް“ ގެ ގޮތުގައި ތާރީޚުގައި ބަޔާން ކުރީސްކަމަށް ވެސް ޝެއިޚު ނިޝާން ވިދާޅުވިއެވެ.
މިއަދު ފެންނަމުންދަނީ އިންޑިއާއަށް ގޮސް ދީން ބަދަލުކޮށް ނަޞާރާދީނަށް ވަދެވަޑައިގެން މުރުތައްދުވި 09 ވަނަ ޙަސަން ރަސްގެފާނު ޕޯޗުގީޒުން ރާއްޖެއަށް ގެނެސް އަޅުވެތިކުރި ގޮތަށް މި ތަން އަޅުވެތިކުރަން އުޅޭތަންކަމަށް ޝެއިޚު ނިޝާން ވިދާޅުވެފައިވާއިރު އެ ހާދިސާއަށް އަލިއަޅުވައިލުން މުހިންމުކަމަށް ދެކެމެވެ.
ތާރީޚުގައި ބަޔާންވެފައިވާ ފަދައިން 02 އަހަރާއި 06 މަސްދުވަހު ރަސްކަންކުރެއްވުމަށްފަހު އައްސުލްޠާން ޙަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުން ނުވަތަ 09 ޙަސަން ރަސްގެފާނު ކޮއްޗޭއަށް ވަޑައިގެންނެވިއެވެ. އެއަށްފަހު އިސްލާމްދީން ދޫކުރައްވައި ނަޞާރާދީނަށް ވެދެވަޑައިގެން ނަންފުޅެއްކަމުގައި ”ޑޮމް މެނުއަލް“ (01 ވަނަ )ކަމުގައި ހަމަޖެއްސެވިއެވެ.
ނަޞާރާ ދީނަށް ވެދެވަޑައިގަތުމަށްފަހުގައި ޕޯޗުގީޒުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ރަސްކަން އަލުން ހޯއްދެވުމަށް އެތަކެއް މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. މި ގޮތުން ޕޯޗުގީޒުންގެ ގުރާބެއް ރާއްޖެއާއި ހަނގުރާމަކުރުމަށް ފޮނުއްވިއެވެ. ނަމަވެސް އައްސުލްޠާން ޢަލީ (06 ވަނަ) ސިރީ އައުދަ ސިޔާކަ ކައްތިރި ބޮވަނަ މަހާރަދުން ނުވަތަ ޢަލި ރަސްގެފާނާއި އިބްރާހިމް ފާށަނާކިލެގެ ގެ ދަރިކަލުން އަބޫބަކުރާއި، ދެ ބަޠަލުންގެ ލީޑަރޝިޕްގެ ދަށުގައި ހަނގުރާމައިގެ މައިދާނަށް ނިކުމެ ޕޯޗްގީޒުންނާއި ހަނގުރާމަކުރައްވައި ފަތަޙަ ހޯއްދެވިއެވެ. ދެވަނަ ފަހަރަށް ވެސް ޙަސަން ރަސްގެފާނު ޕޯޗުގީޒުން ފޮނުއްވެވިއެވެ. ނަމަވެސް ﷲ ގެ އިރާދަފުޅާއެކު ދިވެހިންނަށް ނަޞްރު ލިބިގެންދިޔައެވެ.