މައްޝޫރު ލަވަ ކިޔުންތެރިޔާ އޭއާރް ރަޙްމާން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ގިނަ ފައިސާ ނުދައްކާ ހުރުމުގެ ސަބަބުން އިންޑިއާގެ މެޑްރާސް ހައިކޯޓުން އޭނާއަށް ޗިޓު ފޮނުވައިފިއެވެ.
ރަހްމާނަށް ނޯޓިސް ފޮނުވީ 2011 ވަނ އަހަރާއި 2012 ވަނަ އަހަރު އެނާ އަށް ލިބުނު އާމްދަނީން ޓެކްސް އަށް ދައްކަން ޖެހޭ ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އެހެންވެ އެކަމުގެ ނޯޓިސް ފޮނުވީ މުއްދަތު ހަމަވެގެން ދިޔަތާ އެތައް ދުވަހެއް ވެސް ވީ އިރު ވެސް ޓެކްސް ދައްކާފައި ނުވާތީ ކަމަށްވެސް އިންކަސް ޓެކްސް ޑިޕާޓްމަންޓްގެ ސީނިއާ ކައުންސެލް ޓީއާރް ސެންތިލް ކުމާރާ ވަނީ ބުނެފައެވެ.
2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އޭއާރް ރަޙްމާން އަށް 3.47 ކްރޯޑް ރުޕީސް (472,259.82 ޑޮލަރު) ލިބިފައިވެ އެވެ. ނަމަވެސް އެ ފައިސާ އިން އާމްދަނީގެ ޓެކްހަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި، ފައިސާ އެއްކޮށް ޓްރާންސްފާކޮށްފައި ވަނީ ރަހްމާން ޚައިރާތަށް ހޭދަކުރާ ”އޭއާރް ރަހްމާން ފައުންޑޭޝަން“ އަށެވެ.
ސެންތިލް ވިދާޅު ގޮތުގައި އިންކަމް ޓެކްސްގެ ގާނޫނުގައި ބުނާ ގޮތުން ޓެކްސް ނުދައްކައި ފައިސާ އެއްކޮށް އެގޮތަށް ޓްރާންސްފާއެއް ނުކުރެވޭނެ އެވެ. އެހެންވެ ޓެކްހަށް ދައްކަން ޖެހޭ ފައިސާގެ މުއާމަލާތުގެ ކަންކަން ވީހާ ވެސް އަވަހަކަށް ނިންނަން ރަހްމާނަށް ފޮނުވި ނޯޓިހުގައި އެދިފައިވެ އެވެ. އަދި ނޯޓިހާ އެއްގޮތަށް އަމަލުނުކުރާ ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅުތައް ޓެކްސް ޑިޕާޓްމަންޓުން އަޅާނެ ކަމަށް ސެންތިލް ވިދާޅުވި އެވެ.
ނަމަވެސް ނުދައްކާ ކަމަށް ބުނާ ޓެކްސް ދައްކަން ރަހްމާނަށް ދިނީ ކިހާ މުއްދަތެއް ކަމެއް ނޭނގެ އެވެ.