އިޤްތިޞޯދަށް ލިބުނު ގެއްލުންތަކުން ވިޔަފާރިތައް އަރައިގަތުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސުން މިހާތަނަށް 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ލޯނު ދޫކޮށްފިއެވެ.
ބޭންކުން ކޯވިޑުގެ މުއްދަތުގައި ރައްޖޭގެ އިޤްތިޞޯދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޓޫރިޒަމް ސިނާއަތަށް ދިމާވެދާނެ ނުރައްކަލުން އަރައިގަތުމަށް ބޭންކުން އިސްނަގައި ކުރު މުއްދަތުގެ ފެސިލިޓީއެއް ތައާރަފުކޮށްފައިވާ ކަމަށާއި ފެސިލިޓީ މެދުވެރިކޮށް ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް 2 މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސްކޮށްދެވޭނެ ކަމަށެވެ.
މިދިޔަ މަހުގެ ނިޔަލަށް ބީއެމްއެލުން 397 ލޯނަކަށް 769 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްދީފައެވެ. މިއާއެކު ކޮވިޑްގެ މުއްދަތުގައި ބީއެމްއެލް އިން 1.2 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
”މިދިޔަ އޮގަސްޓްގެ ނިޔަލަށް ޝޯޓް ޓާމް ފައިނޭންސްގެ ގޮތުގައި 4.57 މިލިއަން ޑޮލަރާއި 125.29 މިލިއަން ރުފިޔާ ބޭންކުން ވަނީ ދޫކޮށްފައި. މީގެ އިތުރުން ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާވެސް ވަނީ ދޫކޮށްފައި،“ ސޯޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން ފަށާފައިވާ ރިކަވަރީ ޕްލޭންގެ ދަށުން 10 މިލިއަން ރުފިޔާގެ ޓާންއޯވާގެ ރިސޯޓް އަދި ގެސްޓްހައުސް ވިޔަފާރިތަކަށް އެހީވުމަށް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ ރިކަވަރީ ސްކީމް ފަންޑް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.