އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމުގައި މި ވަގުތު ހުންނެވި ޙަސަން ލަޠީފު އެ މަޤާމުން ވަކިކޮށްދެއްވުމަށްއެދި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުޤައްރިރު ފުރަހަނި ޝުއައިބު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހުން އެދިވަޑައިގެންފިއެވެ.
ޙަސަން ލަޠީފު މަޤާމުން ވަކިކޮށްދިނުމަށް ޝުއައިބު އެދިފައިވަނީ ރައީސް ޞާލިޙަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ. ޝުއައިބު މި ސިޓީ ފޮނުއްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް މަޤާމުން ދުރަށްޖެހިވަޑައިގަންނަވަން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ މިމަހުގެ 08 ވަނަ ދުވަހު ރައީސް ނަޝީދު, ޙަސަން ލަޠީފަށް ފޮނުއްވި ސިޓީއާއި ގުޅިގެން މި މަހުގެ 09 ވަނަ ދުވަހު ޝުއައިބު, ޙަސަން ލަޠީފަށް ފޮނުއްވި ސިޓީގެ ޖަވާބުގައި ޕާޓީގެ އެންމެ އިސް ބޭފުޅަކީ ޕާޓީގެ ރައީސް ނަޝީދުކަމަށް ޙަސަން ލަތީފް ވިދާޅުވުމާއި ގުޅިގެންނެވެ.
އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާގޮތުން އެ ޕާޓީގެ ކެންޑިޑޭޓެއް ރާއްޖޭގެ ރައީސްކަމުގައި ހުންނަވާނަމަ އެ ބޭފުޅަކީ އެމްޑީޕީގެ އެންމެ އިސްވެރިޔާއެވެ. މި ގޮތުން ޝުއައިބު ވަނީ އެމްޑީޕީގެ އެންމެ އިސްވެރިޔަކީ ޕާޓީގެ ރައީސްކަމަށް ޙަސަން ލަޠީފު ވިދާޅުވުމުން މިކަމާ ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

ޝުއައިބުގެ ސިޓީގައި އިތުރަށް ވިދާޅުވީ ޙަސަން ލަޠީފަކީ މަޖިލިސް މެންބަރަކަށްވުމާއެކު ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ޞާލިޙަކީ ޕާޓީގެ އެންމެ އިސްފަރާތްކަމަށް ޤަބޫލުނުކުރެއްވުމަކީ ޕާޓީގެތެރެއިން ރޭވިގެން ހިންގަމުން އަންނަ ހިމޭން ބަޣާވާތެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރައީސް ޞާލިޙާއިމެދު ދޮގު ވާހަކަތައް ފަތުރަމުން އަންނަކަމަށާއި މިފަދަ ދަނޑިވަޅެއްގައި ޕާޓީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގައި މުޠުލަޤަށް ބަޔާންކޮށްފައިވާ ޕާޓީގެ އެންމެ އިސް ލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޢާޔަތްކޮށް ޕާޓީގެ އެންމެ އިސް ލީޑަރުގެ ޝަޚުޞިއްޔަތު އޮޅުވައިލަން މަސައްކަތްކުރައްވާތީ ޙަސަން ލަޠީފު މަޤާމުން ދުރުކުރެއްވުމަށް އެދިލައްވާކަމަށް ވެސް ޝުއައިބުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން ޝުއައިބު ވަނީ 2023 ގައި އެމްޑީޕީއަށް ކުރިއެރުން ލިބޭނީ އިންސާނުންނަކީ ވަގުތާއި ހާލަތާއި ގުޅިގެން ނިޔަތް ބަދަލުވާ ބައެއްކަން އެނގޭހިނދު އެ ޕާޓީގެ ކޮންގްރެސްއިން ފާސްކޮށްފައިވާ އަސާސީ ޤަވާއިދު ފުރިހަމައަށް ތަންފީޒުކޮށްގެން ކަމަށެވެ.