ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ޕްރޮގްރާމްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހަމަކޮށްފިއެވެ.
މި ޕްރޮގްރާމްގެދަށުން 16 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު މިކަމުގެ ޢަމަލީ މަސައްކަތްތައް ސައިޓްގައި ކުރިއަށްދާކަމަށެވެ. މިގެ އިތުރުން ޕްލޮޓްތައް ލިބޭ މީހުން ވަރަށް އަވަހަށް ހޮވާނެކަމަށް އެޗްޑީސީގެ މެނޭޖިންގ ވިދާޅުވިއެވެ.
ހުޅުމާލެއިން ޚާއްސަކޮށްފައިވާ ވަކި ސަރަޙައްދުން 600 ފޫޓުގެ 16 ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ޕްލޮޓްތައް ލިބޭ ފަރާތްތަކާ ޙަވާލުކުރާނީ، މަސައްކަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތައް އެ ސަރަޙައްދުގައި ހަމަޖެއްސުމަށް ފަހުކަމަށް އެޗްޑީސީން ހަމަކުރެއެވެ.
އެގޮތުން އޭރިއާގައި ދަނޑުތަކުގައި ބޭނުންކުރާ ތަކެތި ރައްކާކުރެވޭނެގޮތާއި، ގުދަނާއި، ގަސްކާނާ ވިއްކާ ތަނަކާއި، ފާޚަނައާއި، މަޑުކޮށްލައިގެން ތިބެވޭނެ ތަންތަންވެސް ހިމެނެއެވެ. އަދި ސީޑް އިންކިއުބޭޓަރ ޝެޑެއްވެސް ހުންނާނެއެވެ.
މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް 48 ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ މަަޤްސަދަކީ ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެއްޗަށް ބަރޯސާވާމިންވަރު ކުޑަކޮށް ރާއްޖޭގައި މިފަދަ ވިޔަފާރިތަށް ފުޅާކުރުމެވެ.
ހުޅުމާލޭގައި ފެށުމަށް ތައްޔާރުވަމުންދާ ދަނޑުވަރިކަމުގެ ޕްރޮގްރާމް، ”އަރބަން ފަރމިންގ“އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޔޫއެންޑީޕީއާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.
މިއީ ހުޅުމާލޭގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށާ ފުރަތަމަ ފަހަރެވެ. އެޗްޑީސީން މިފަދަ ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމީ، ހުޅުމާލޭގައި ދިރިއުޅޭ މީހުން ޢާއިލާ ކައިރީގައި ތިބެގެން އިތުރު އާމްދަނީއެއް ހޯދޭނެ މަގު ފަހި ކޮށްދިނުމައްށެވެ.