އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއަކީ، ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޕަޕެޓެއް ކަމަށް، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ މީގެ ކުޑަ އިރުކޮޅެއް ކުރިން އެމަނުކުފާނު ކުރެއްވި ޓުއީޓެއްގައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ހިއްސާ ނުކުރެއެވެ. ހަމަ އެކަނި ވިދާޅުވީ “ ހަސަން ލަތީފްއަކީ އަންނިގެ ޕަޕެޓެއް “ މިފަދައިންނެވެ.
އަލްހާން އެފަދަ މޭރުމަކުން ވިދާޅުވެފައި މިވަނީ، ހަސަން ލަތީފް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ވަކިކޮށްދޭން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބް އަލީ އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. ޝުއައިބް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހް ވެރިކަމުގައި ހުންނަވަނިކޮށް އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ޕާޓީގެ އިސް ފަރާތުގެ މާއްދާއަށް ހަސަން ލަތީފް އަމަލުކޮށްފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއާޕާސަން ހަސަން ލަތީފް މިހާރުން މިހާރަށް މަގާމުން ދުރުކޮށް ދެއްވުމަށް ޝުއައިބު އެދިވަޑައިގެންފައިވެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެ ގޮތަށް ސާފުކޮށް ބަޔާންކޮށްފައިވަނިކޮށް އެ ޕާޓީގެ އެންމެ އިސް ލީޑަރަކަށް މި ވަގުތު ހުންނަވާނީ ރައީސް ސޯލިހް ކަމަށް ޗެއާޕާސަން ހަސަން ލަތީފް ގާބޫލު ނުކުރެއްވުމަކީ އެމްޑީޕީގެ އެތެރެއިން ރޭވިގެން ހިންގާ ”ހިމޭން ބަޣާވާތެއް“ ގޮތުގައި ވެސް ޝުއައިބް ފާހަގަކުރެއްވިއެވެ.