ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޞިއްދީޤަކީ ސިޔާސީ ކޮސް ބޭފުޅެއްކަމަށާއި ”ސޫޑޯ ޕޮލިޓިކްސް“ އަށް ރާއްޖޭގައި ފުރުސަތު އޮންނަ އޮތުމަކީ ހިތާމަހުރިކަމެއްކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އަދި އަންނަ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ އެ ބޭފުޅާ ކުރެއްވި ޓްވީޓަކަށް ޞިއްދީޤު ކުރެއްވި ރިޕްލައިއަކާ ގުޅިގެންނެވެ.
މި ގޮތުން އަލްހާން ކުރެއްވި ޓްވީޓުގައި ވަނީ ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ގެ ފޮޓޯއަކާއެކު ”އަދުރޭ އައުޓް“ ގެ ހޭޝްޓެގް ޖައްސަވައި ”އިންޑިއާ އައުޓް“ އޭ ގޮވުމަށްވުރެ ކުރީގެ ރައީސް ޔާާމިނު ޢަބްދުލްޤައްޔޫމް ”އައުޓް ވީ ގޮތް ހޯދާ“ އިންސާފުވެރި ޝަރީޢަތެއް ހޯދޭތޯ އުޅެންވީނޫންތޯ ސުވާލުކުރައްވާފައެވެ.
އަލްޙާންގެ މި ޓްވީޓަށް ރައްދުދެއްވަމުން ޞިއްދީޤުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ގޮތުުން “އަލްހާން އައުޓް“ އާއި ”އިންޑިއާ އައުޓް“ ގެ ހޭޝްޓެގާއެކު ޞިއްދީޤު ވަނީ އަލްހާނަކީ މާލޭ ސިޓީގެ މޭޔަރަކަށް ކުފޫ ހަމަވެވަޑައިނުގަންނަވާ ބޭފުޅެއްކަމަށް ވިދާޅުވެ ރާއްޖޭގައި “ސިޔާސީ ހަށިވިއްކުން“ ތަޢާރަފުކުރައްވާ ޕާޓީ ނިޒާމު ފުނޑައިލެއްވި އެއްބޭފުޅަކީ އަލްހާން ކަމަށް ވިދާޅުވެފައެވެ. އަދި އެއާއި ޚިލާފަށް ޢަބްދުއްރަޙީމަކީ ޣައްދާރުންގެ އަތުން ޤައުމު މިނިވަން ކުރައްވަން ޖާނު ޤުރުބާން ކުރައްވަމުން ގެންދަވާ މުޖާހިދެއްކަމަށް ވެސް ޞިއްދީޤު ވަނީ ސިފަކުރައްވާފައެވެ.
ޞިއްދީޤުގެ މި ވާހަކަތަކަށް އަލްހާން އަނެއްކާ ވެސް ދެއްވީ ވަރުގަދަ ރައްދެކެވެ. މި ގޮތުން އަލްހާން ވިދާޅުވީ ޞިއްދީޤަކީ ސިޔާސީ ކޮސް ބޭފުޅެއްކަމަށާއި ”ސޫޑޯ ޕޮލިޓިކްސް“ އަށް ރާއްޖޭގައި ފުރުސަތު އޮންނަ އޮތުމަކީ ހިތާމަހުރިކަމެއްކަމަށެވެ. އަދި އަމިއްލަ ނަފްސު ވަކި ވިސްނުމެއްގައި ފިތި ބާރުވެ ކަސްތޮޅު އެޅިފައިވާ މީހުންނަށް ބަޔަކަށް މިނިވަންކަމުގެ މަގު ދެއްކޭނެތޯ ވެސް އަލްހާން ވަނީ ސުވާލުކުރައްވާފައެވެ.
އަލްހާނަކީ ފާޅުގައި ކަންކަމަށް ފާޑު ވިދާޅުވަމުން އަންނަ ބޭފުޅެކެވެ. މި ގޮތުން ރައީސް ނަޝީދާއި މި ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދެވި ނަމަވެސް ފަހަކަށްއައިސް އިދިކޮޅު ކޯލިޝަނަށް ފާޑުކިޔަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.