ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ނައިބު ރައީސްގެ މަގާމު އަދާ ކުރެއްވި އަހުމަދު އަދީބް އަބްދުލް ޣަފޫރް އާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.
އެމައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހު އަދީބު ވިދާޅުވީ، ވަކީލަކު ހަމަޖެއްސުމުގައި ދަތި ތަކެއް ހުރި ކަމަށާއި، އެހެން ކަމުން ވަކީލަކު އައްޔަން ކުރުމަށް ދުވަސް ކޮޅެއް ދިނުމަށެވެ. އެދުވަހު އަޑުއެހުމުގައި، އެމައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ އަދީބުއަށް ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ. މާދަމާގެ އަޑުއެހުން ހައިކޯޓުން ތާވަލް ކޮށްފައިވަނީ މެންދުރުފަހު 14:00 އަށެވެ.
ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއަކީ އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އުފުލާފައިވާ ދައުވާތަކެވެ. މި 7 ދައުވާ ވެސް ގުޅިފައިވަނީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ކްރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައިގައެވެ.
އަދީބާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، ހައިކޯޓުގައި ޖުލައި 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ބަންދު ކުރުމަށް އަމުރު ވަނީ އަމުރުކޮށްފައެވެ.