ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށްވަމުންދާކަން ޔަޤީންކުރެއްވޭނީ އަދި ދެތިންހަފުތާ ފަހުން ކަމަށް އެޗްއީއޯސީން ބުނެފިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ފާއިތުވި ހަފުތާތަކާއި އަޅާބަލާއިރު ބަލިޖެހޭ މީހުންގެ ޢަދަދު މިހާރު ދަށްވަމުް އަންކަން ފާހަގަކުރެއްވޭ ކަމަށެވެ.
ނަމަވެސް އޭގެ ޙަޤީޤީ މަންޒަރު އަދި ފެންނަން ދެތިން ހަފުތާގެ ޑޭޓާ ބޭނުންވާނެކަމަށާއި ބަލި ޖެހޭމީހުންގެ ޢަދަދު މަދުކުރެވިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކޮވިޑްގެ ގުރާފުން ދައްކާގޮތުގައި އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ފުރަތަމަކޮޅުގައި ބަލިޖެހޭ މިންވަރު އިތުރުވެފައިވާއިރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 100 އިން މައްޗަށް އަރައެވެ. ނަމަވެސް މި ފަހަކަށްއައިސް ފެންނަނީ 3 ޑިޖިޓަށްވުރެ ދަށްވެފައިވާތަނެވެ.