ޒަމާނީ ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރުކަމަށާއި ޤާނޫނުއަސާސީން ރައްޔިތުންނަށް ވަނީ ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ އަސާސީ ޙައްޤުތައް ރައްކާތެރިކޮށްދީފައިކަމަށް އިލެކްޝަން ކޮމިޝަނުން(އީސީ) ބުނެފިއެވެ.
އީސީން މިހެން ބުނެފައިވަނީ ދުނިޔޭގެ ޑިމޮކްރެސީގެ ދުވަހާއި ގުޅިގެން އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައެވެ.
މި ގޮތުން އީސީގެ ބަޔާނުގައި ވަނީ ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި ދަޢުލަތް ހިންގުމުގައި ވެރިކަން ކުރުމުގެ ބާރާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރު ވަކިކުރެވިފައި އޮންނަން ޖެހޭއިރު ޑިމޮކްރެސީއަށް މި ޤައުުމު ކުރަމުން އަންނަ ދަތުރުގައި 03 ބާރު ވަކިކުރެވިފައިވާ ރިޔާސީ ނިޒާމުން ރާއްޖެއިން ކުރަމުން އަންނަނީ ވަރަށް މުހިންމު ތަޖުރިބާތަކެއްކަމަށް ބުނެފައެވެ.
އެހެންކަމުން ސަރުކާރު ހިންގުމުގެ ބާރާއި ޤާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިޚާބުވެގެން އަންނަބަޔެއްކަމަށް ވާންޖެހޭކަމަށް ވެސް އީސީން ފާހަގަކުރިއެވެ. މި ގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި މިނިވަންކަމާއެކު އިންސާފުވެރި ގޮތެއްގައި އެ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމުގެ ބުރަ ޒިންމާއަކީ އެ ކޮމިޝަނުން އުފުލަމުން ގެންދާ ޒިންމާއެއްކަމަށް ވެސް އީސީން ބުނެއެވެ.
މީގެއިތުރުން އީސީގެ ބަޔާނުގައި ވަނީ ރާއްޖޭގައި ބާއްވާ އިންތިޚާބުތަކަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ އިންތިޚާބުތަކެއް ކަމުގައިވާންޖެހޭކަމަށާާއި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވުމަކީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްފައެވެ. އަދި މި ކަން ފާހަގަކޮށް އީސީން ވަނީ ރާއްޖޭގައި މިނިވަން ޢަދުލުވެރި އިންތިޚާބުތައް ބޭއްވެންޖެހޭކަމަށް ބުނެފައެވެ.
އީސީން ވަނީ އެއްވެސް ނުފޫޒެއް ނުވަތަ ބިރުވެރިކަމެއްނެތި މިނިވަންކަމާއެކު އެ މީހެއްގެ އަމިއްލަ އިޚުތިޔާރުގައި ވޯޓުލުމަކީ ކޮންމެމީހަކަށް ވެސް ލިބިގެންވާ އަސާސީ ޙައްޤެއްކަމަށާއި އެ މީހަކަށް އެއްޗެއް ދޭ މީހާއަށް ވޯޓުލާކަށް މަޖުބޫރެއް ނުކުރެވޭނެކަމަށް ވެސް ބުނެފައެވެ. އަދި ވަކި މީހަކަށް ވޯޓުލައިގެން ނުވަތަ ވޯޓު ނުލައިގެން އަދަބެއް ނުދެވޭނެކަމަށާއި މިނިވަންކަމާއެކު އަމިއްލަ އިޚްތިޔާރުގައި ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްޤެއްކަމުގައި ވެސް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އީސީގެ ބަޔާނުގައި ވަނީ ދިމުޤްރާތީ ނިޒާމެއް ހަރުދަނާކަމާއެކު ދެމެހެއްޓުމުގެ ގޮތުން ދިމުޤްރާތީ ނިޒާމްގެ އަސާސްތަކަށް އިޙުތިރާމްކުރާ ރައްޔިތުންތަކެއް އުފެއްދުން މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ރައްޔިތުންގެ މެދުގައި ކަމާގުޅޭ އެކަށީގެންވާ މަޢުލޫމާތާއި ހުނަރުތަކުގެ އިތުރުން ކަމާގުޅޭ ސިފަތައް ނުވަތަ ޤަބޫލުކުރުންތައް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަން ވެސ އީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހޭލުންތެރި އަދި ޒިންމާދާރު ރައްޔިތުން ބިނާކުރުމަށާއި އަންނަ އޮތް ޖީލުތަކާއި ހަމައަށް ޑިމޮކްރަސީއާއި ތަރައްޤީއާއި ހަމަޖެހުން ވާރުތަކޮށްދިނުމަށް މި މަސައްކަތް އިތުރަށް ހަރުދަނާވެ ފުޅާކުރަންޖެހޭކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ގޮތުން ޑިމޮކްރެސީގެ ފޮނިމީރުކަން ބޭނުންކުރާ ހިނދު ޙައްޤުތަކާއެކު ޒިންމާތަކެއް ވާކަން ޤަބޫލުކުރަންޖެހޭކަމަށާއި ތިމާއަށް ލިބޭ ޙައްޤެއް ބޭނުންކުރުމުގައި އަނެކާއަށް ކުރާނޭ އަސަރު ދެނެގަންނަންޖެހޭކަމަށް ވެސް އީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.