ކޯވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ޑިމޮކްރަސީން ކަށަވަރުކޮށްދޭ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.
މި ގޮތުން ރައީސް ޞާލިޙް ވިދާޅުވީ ކޯވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ޑިމޮކްރަސީން ކަށަވަރުކޮށްދޭ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.
ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ވެސް ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެ ގޮތުން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓަވައި ޤާނޫނުގެ ވެރިކަން ދެމެހެއްޓެވުމަށާއި އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން އެންމެ އިސް ޙައްޤުކަމަށްވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ޙައްޤަށް އުނިކަމެއް ނައުމަކީ މި ފަދަ ހާލަތެއްގައި ވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ޑިމޮކުރަސީ އަށް އިތުރަށް އަލިއަޅުއްވައިލައްވަމުން ރައީސް ޞާލިޙު ވަނީ ޑިމޮކްރަސީ ޤާއިމުވެފައިވާ ދައުލަތެއްގައި ރައްޔިތުންނަށް ވަރަށް ގިނަ ޙައްޤުތަކެއް ލިބިގެންވާކަން ފާހަގަކުރައްވައި އެ ޙައްޤުތަކާއެކު ރައްޔިތުންގެ ކޮނޑުގައި ޒިންމާތަކެއް އެޅިފައިވާކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އޭގެ އިތުރުން ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް އެޅިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙްގެ ޚިޠާބުގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މި ހާލަތުގައި ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެތެރެއިން ދައުލަތުގެ އެންމެހައި ގުނަންތައް އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެއީ ޤައުމުގެ މަސްލަހަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
މި ގޮތުން ފަރުދީ އަދި ޖަމާޢަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންފުޅުވާކަމަށް ވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.