ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހަމަކޮށްފިއެވެ.
މިއަދު ނެރުނު ބަޔާނުގައި ވަނީ ރާއްޖެއަށް މި ސްޓޭމްޕް ލިބިފައިވަނީ ޑަބްލިއުޓީޓީސީއިން އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ފަތުރުވެރިންނަށް ރައްކާތެރި، ވަކި ގައިޑްލައިންތަކެއްގެ މަތިން ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާއި ގުޅިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މިފަދަ ސްޓޭމްޕެއް ޑަބްލިއުޓީޓީސީއިން ދިނުމުގެ މަޤްޞަދަކީ ކޯވިޑް-19 ބަލިމަޑުކަން އޮތް ނަމަވެސް ޗުއްޓީ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި ޤައުމުތައް އަންގައި ދިނުމާއި އާ އާންމު ހާލަތުގައި ޤައުމުތަކުގެ ފަތުރުވެރިކަން އަލުން ހިނގައިގަތުމަށް އެހީތެރިވެދިނުމެވެ.
ޑަބްލިއުޓީޓީސީގެ މި ސްޓޭމްޕުގެ ސަބަބުން އެކި ޤައުމުތަކަށް މިވަގުތު ދަތުރުފަތުރު ކުރާ ޓޫރިސްޓުންނަށް ރައްކާތެރި ޤައުމުތައް ދެނެގަނެވޭނެއެވެ.
ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އާއި ހަމައަށް ރާއްޖެއަށް 396،100 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.