ސިވިލް ކޯޓުގެ ގާޟީ ޒުބައިރު މުޙައްމަދުގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤުކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
މި ކަން ހާމަކޮށް ޖޭއެސްސީން މިރޭ ޢާންމުކުރި ބަޔާނެއްގައި ބުނީ ސިވިލް ކޯޓުގެ ގާޟީ ޒުބައިރުގެ މައްސަލައެއް ތަޙްޤީޤުކުރަން ކޮމިޓީއެއް އެކުލަވައިލަން ނިންމާފައިވާ ކަމަށެވެ.
މި ގޮތަށް ނިންމާފައިވަނީ ގާޟީ ޒުބައިރު މުޙައްމަދު ސިޔާސީ ހަރަކާތްތަކާއި ޖަމްޢިއްޔާއެއްގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާކަމަށް ޖޭއެސްސީއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް ވެސް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ގޮތުން އެ މައްސަލަ ތަޙްޤީޤުކުރުމަށް މައްސަލައަށް ގޮތެއް ނިންމާ ކޮމިޓީން ނިންމުމާއި ގުޅިގެން މި މަހުގެ 09 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ މި އަހަރުގެ 65 ބައްދަލުވުމުގައި ގާޟީ ޒުބައިރު މުޙައްމަދުގެ މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވައިލަން ނިންމާފައިވާކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.