އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ، ހދ. ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މިއަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފިއެވެ.
އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ އާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މިއަދު ބައްދަލު ކުރައްވާ މިކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. ބައްދަލުވުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ ގްރައުންޑް ބްރޭކިން ނުވަތަ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އަމަލީ މަސައްކަތް ޖެނުއަރީގައި ފެށޭވަރު ވާނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ.
އެ އެއްބަސްވުމުގެ ދަށުން 800 މިލިއަން ޑޮލަރުގެ ލޯނު ރާއްޖެއަށް އިންޑިއާއިން ދޫކުރާނެ އެވެ.