އިންޑިއާގެ އެންމެ މަގުބޫލު ބަތަލާ އަދި އެތައް ބަޔެއްގެ ލޯބި ލިބިފައިވާ އަމީތާބު ބައްޗަންގެ އަޑު އެލެކްސާގައި ބޭނުން ކުރުމަށް ނިންމައިފިއެވެ.
އަމީތާބަކީ އޭނާގެ އަޑުންވެސް އެތައް ބައެއްގެ ރުހުން ހޯދައިފައިވާ ފަންނާނެކެވެ. އަދި އިންޑިއާގެ މަގުބޫލު އެއް ޝޯ ކަމަށްވާ ކޯން ބަނޭނގާ ކަރޯޑް ޕަތީ އަކީވެސް އޭނާ ހުށައަޅައިދޭ ޝޯ އެކެވެ.
ދާދި ފަހުން ކޯވިޑް 19 އަށް ފަރުވާ ހޯދައިފައިވާ އަމީތާބުގެ އަޑު އެލެކްސާގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުކަމަށް އެލެކްސާގެ ކަންޓްރީ ލީޑަރ ޕުނީޝް ކުމާރު ވަނީ ބުނެފައެވެ. ޕުނޭޝް ބުނެފައި ވަނީ އަމީތާބުގެ އަޑަކީ އަޑު އަހަން ފަސޭހަ ހިއްގައިމު އަޑެއް ކަމަށާއި، އޭނާގެ އަޑު އެލެކްސާގައި ބޭނުން ކުރުމުން ކަސްޓަމަރުންނަށް ހިތްހަމަ ޖެހުން ލިބި ކަންކަން ކުރުމަށް ފަސޭހަވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ޕުނޭޝް ބުނެފައިވަނީ، އެލެކްސާގެ ޓީމު އަމީތާބް އާއި އެކު ގާތުން މަސައްކަތް ކުރަމުން ދާނެ ކަމަށާއި، އަމީތާބް އާއި އެކު މަސައްކަތް ކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
އަމީތާބް އަކީ، ހިންދީ ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ބާރުގަދަ އަދި އެންމެ ނަންހިގާ އެއްތަރިވެސް މެއެވެ. އަމީތާބް ވަނީ 3 ނޭޝަނަލް އެވޯޑް އަދި 12 ފިލްމް ފެއަރ އެވޯޑް ހޯދާފައެވެ. ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް އަށް އެންމެ ގިނައިން ނޮމިނޭޓް ވުމުގެ ޝަރަފް ނުވަތަ ރިކޯޑް ވެސް އޮތީ އަމީތާބް ގެ އަތުގައެވެ.
ފިލްމް ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސްކުރުން، އަދި ޓީޥީ ޝޯ ހުށަހެޅުމަކީ ވެސް އަމީތާބްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ތަކެވެ. އަދި 1984 ން 1987 އަށް އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް އަމީތާބް ކޮށްފައި ވެއެވެ.