ދިވެހި ދަޢުލަތް މިދަނީ ކޮރަޕްޝަންގެ ތޫފާނުގައިޖެހި ފުނޑެމުންކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވައިފިއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިރޭ ނެރެފައިވާ “އެންޑީއެމްއޭގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު“ ގައި އެންޑީއެމްއޭއިން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މި ގޮތުން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައިވާއިރު, ކޮންޓްރޯލް ކުރެވިފައިވާ އަގަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން ރިޕޯޓުން ހާމަވެއެވެ.
އޭގެ އިތުރުން ކޮވިޑާއި ގުޅިގެން އައިސޮލޭޓްކުރާ މީހުން ބޭތިއްބުމަށްޓަކައި ކަނޑައެޅިފައިވާ ރިސޯޓަކުން އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް އެންޑީއެމްއޭއިން ފައިސާދެއްކިކަމަށާއި ފްރަންޓްލައިނުގައި މަސައްކަތްކުރާ ފަރާތްތަކަށް ގެސްޓު ހައުސްތަކުން އެކަމަޑޭޝަން ހަމަޖެއްސުމުގައި މައްސަލަތަކެއްހުރިކަމަށް ވެސް ރިޕޯޓުން ވަނީ ހާމަވެފައެވެ.
މި ގޮތުން ޑރ.ޝަހީމް ވިދާޅުވީ އެންޑީއެމްގެ ވެރިންނާއެކު ފިނޭންސް މިނިސްޓަރު ވެސް ހައްޔަރުކޮށް ބަންދުގައި ބައިތިއްބައިގެން ތަޙުޤީޤުކުރިއަށް ގެންދަންޖެހޭކަަށެވެ. އަދި ވައްކަންތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގައި ޤާނޫނީ ޒިންމާ އުފުލަންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން ޝަހީމް ވަނީ ދިވެހި ދަޢުލަތް މިދަނީ ކޮރަޕްޝަންގެ ތޫފާނުގައިޖެހި ފުނޑެމުންކަމަށް ވެސް ވިދާޅުވެފައެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެފައިވާއިރު ކޮވިޑާއި ގުޅިގެން ސަރުކާރުގެ މުއައްސަސާތަކުން ޚަރަދުތައްކުރިއިރު ކޮރަޕްޝަންގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.