އިންޑިއާގެ މުޅި ފިލްމު އިންޑަސްޓްރީ އަކީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއް ކަމަށް ބީޖޭޕީގެ މެމްބަރު އަދި ފިލްމީ ތަރި ރަވީ ކިޝަން ބުނުމުން އެކަމަށް އިންޑިއާގެ މަގުބޫލު އެއް ފިލްމީ ބަތަލާ އަދި ސަމަޖްވާދީ ޕާޓީގެ މެމްބަރު ޖަޔާ ބަޗަން ރައްދު ދީފިއެވެ.
ސުޝާންތުގެ މަރުގެ މައްސަލާގައި އެނާގެ ލޯބިވެރިޔާ ރިއާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރިއާ ހައްޔަރު ކޮށްފައިވަނީ ސުޝާންތައް މަސްތުވާތަކެތި ހޯދައިދީ، މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުގައެވެ. ރިއާ ވަނީ ފުލުހުން ތަހުގީގުގައި އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު މަސްތުވާ ތަކެތި ބޭނުން ކުރާކަމަށް ބުނެފައެވެ. އެމައްސަލާގައި އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އަންނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުނެނެވެ.
ބޭޖޭޕީ ޕާޓީގެ މަޖިލީހުގެ މެމްބަރު ރަވީ ވަނީ އިންޑިއާގެ ފިލްމީ ދާއިރާގައި އުޅޭ ގިނަ ފަރާތްތަކަކީ މަސްތުވާ ތަކެތި ބޭނުން ކޮށް އޭގެ ވިޔަފާރި ކުރަމުންދާ ބައެއް ކަމަށް ބުނެފައެވެ. އަދި ފިލްމީ ބަތަލާ ކަންގްނާ ބުނެފައިވަނީ އެއިންޑަސްޓްރީގެ %99 މީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރަމުންދާ މީހުން ކަމަށެވެ.
އެވާހަކަ ތަކަށް ރައްދު ދެމުން އަމީތާބްގެ އަންހެނުން ޖަޔާ ބުނީ، މަދު ބަޔަކު ކުރާ ކަމަކުން މުޅި އިންޑަސްޓްރީ ބަދުނާމު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން ދިޔަ މީހަކު މުޅި އިންޑަސްޓްރީ ބަދުނާމު ވާގޮތަށް ވާހަކަ ދެއްކުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޑަސްޓްރީގައި ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތް ކޮށް އެތައް ބައެއްގެ އިހުތިރާމް ހޯދައިފައިވާ ފަރާތްތަކުގެ ބޮލުގައިވެސް ތުހުމަތު އެޅޭ ކަމަށާއި، މިކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޖަޔާ ވަނީ ބުނެފައެވެ.
ޖަޔާ ވާހަކަ ދައްކަމުން އިތުރަށް ބުނެފައިވަނީ، އެއިންޑަސްޓްރީ އަކީ އިންޑިއާގެ 5 ލައްކަ އަށްވުރެއް ގިނަ މީހުން ވަޒީފާ އަދާކުރަމުން ދާ ތަނެއް ކަމަށާއި، މިކަމުގެ ސަބަބުން އޭގެ ގެއްލުން އެތަށް ބަޔަކަށް ކުރާނެ ކަމަށެވެ. އަދި އިންޑިއާގެ ސަރުކާރުން މިކަމަށް ހައްލެއް ހޯދައިދިނުމަށްވެސް ޖަޔާ ވަނީ އެދިފައެވެ.