ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ މިންވަރު ލިމިޓްކުރުމާއި ގުޅިގެން އާއްމުންގެ ނުރުހުން އެބޭންކަށް އަމާޒުވާން ފަށައިފިއެވެ.
ބީއެމްއެލް އިން މިއަދު އިއުލާން ކުރީ، ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް ހޭދަ ކުރެވޭނީ 250 ޑޮލަރު ކަމަށާއި، ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ހޭދަކުރެވޭނީ 750 ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކަސްޓަމަރުން އެކަމަށް ބޭނުންވާ ނަމަ، އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަމާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.
މިކަމާއި ގުޅިގެން މީސްމީޑިއާގައި ގިނަ ފަރާތްތަކަކުން އަންނަނީ އެބޭންކުން ރައްޔިތުންނަށް އިތުރު އުނދަގުލެއް މިދުވަސް ވަރު ޖެއްސީކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ މިއީ ބޭންކުން ސީދާ ކުދި ވިޔަފާރިތަށް ފުނޑާލުމަށް ހިންގާ ޖަރީމާއެއް ކަމަށްވެސް ބުނެފައެވެ. އަދި ބައެއް ފަރާތްތަކުން ބުނަމުންދަނީ ހަލާލު މަސައްކަތުން ހޯދާ ފައިސާ ހަރަދުކުރާނެ ގޮތް އެއްވެސް ބޭންކަކަށް ނިންމޭނެ ކަމަށާއި، މިކަން ވަގުތުން ވަގުތަށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
މި ބަދަލު ގެނައީ ރާއްޖެ އިން ބޭރުވާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް ދައްކަންޖެހޭ ފައިސާ އަށް އިސްކަންދިނުމުގެ ފިޔަވަޅު އަޅަން މަޖުބޫރުވުމުން ކަމަށް ބީއެމްއެލްގެ އިއުލާނުގައި ވެއެވެ.