ޗައިނާއިން ކާމިޔާބުކަމާއި އެކު 9 ސެޓެލައިޓް ޖައްވަށް ފޮނުވާލައިފި ކަމަށް އެ ޤައުުމުން ބުނެފިއެވެ.
ޗައިނާއިން މި 9 ސެޓެލައިޓްވެސް ފޮނުވާލާފައިވަނީ ކަނޑުގެ ސަރަހައްދުން ޕްލެޓްފޯރމެއް އަޅައިގެން ކަމަށްވެސް ފާހަގަކުރެވެއެވެ.
މި ސެޓެލައިޓްތަކުގެ ތެރެއިން ވީޑިޔޯ ޝެއަރ ކުރާ ޕްލެޓްފޯރމް ބިލިބިލި ގެ ސެޓެލައިންޓްއެއް ވެސް ހިމެނެއެވެ. އަންގާރަ ދުވަހު ’ލޯންގް މާޗު 11‘ ރޮކެޓު ޗައިނާއިން ޖައްވަށް ފޮނުވާލާފައިވަނީ ވަރަށް ކާމިޔާބު ކަމާއި އެކުއެވެ.
ލޯންގް މާޗު 11 އަކީ އަވަހަށް އުދުއްސައިގަތުމުގެ ޤާބިލުކަން ހުންނަ، އަދި ކަނޑުގެ އުޅަނދަކުންވެސް އުދުއްސައިގަތުމުގެ ކުޅަދާނަކަން ލިބިފައިވާ ރޮކެޓެކެވެ. އަދި މި ރޮކެޓުން، ކުދި ބައިވަރު ސެޓެލައިޓުވެސް ޖައްވަށް ގެންދިޔުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ.
ޗައިނާއިން ރޮކެޓު ލޯންޗުކުރާ 3 ފެސިލިޓީއެއް ޤާއިމުކޮށްފައިވާއިރު، ގިނަ ފަހަރު ޖައްވަށް އުދުއްސާލާ ރޮކެޓުގެ ބައިތައް މީހުން އުޅޭ ސަރަހައްދުތަކަށް ވެއްޓި ގިނަ ބަޔަކަށް ހާނިއްކަ ވާތަންވެސްފެނެއެވެ. ނަމަވެސް، ކަނޑުގެ ސަރަހައްދުން އުދުއްސާލުމުގެ ޤާބިލުކަން ލިބުމާއިއެކު މި ކަމުން ހައްލު ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ޗައިނާއިން އެ ޤައުމުގައި ވަރުގަދަ ސްޕޭސް ޕްރޮގުރާމެއް ފަށާފައިވާއިރު، އެ ޤައުމުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް އެމެރިކާއަށް ވުރެ ޖައްވީ ކަންކަމުގައި ކުރިއެރުމެވެ.