ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައްޔިތުން ބަދިގެ ތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރި ތެރެއަށް ކަމަށެވެ.
ކޯވިޑް-19ގެ ސަބަބުން ހެލްތު މިނިސްޓްރީއާއި ޓޫރިޒަމް، މިނިސްޓްރީ، އާސަންދަ އަދި އެންސްޕާގެ އިތުރުން އިއްޔެ ނެރުނު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައިވާ ދަނޑިވަޅުގައި ޑރ.ޖަމީލު މިފަދައިން ވިދާޅުވެފައި މިވަނީއެވެ.
ރައްޔިތުން ބަނޑަށްޖެހި ދެކޮޅުނުޖެހިގެން އުޅޭއިރު ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބަައިއަޅަން ކަމަށާއި ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރި ތެރެއަށް ކަމަށް އެކަމާ ގުޅިގެން ޑރ.ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައިވެއެވެ.
”ތަރައްޤީ ވަޒަންކުރަނީ ވަޒީރުންގެ ދަތުރުތަކުންބާ؟ އެމްޑީޕީއަށް ތަރައްޤީ މި ކުރެވުނީ ހުސް ކޮރަޕްޝަން ނޫންތޯ؟“ ޑރ.ޖަމީލު ސުވާލު އުފެއްދެވިއެވެ.
މިހާތަނަށް ކޮވިޑާއި ގުޅިގެން ނެރުނު ގިނަ އޮޑިޓު ރިޕޯޓުތަކެއްގައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފު، ކޮރަޕްޝަން ކަމަށް ބެލެވޭ އެތައް ކަމެއް ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުތަކުގެ ތެރެއިން ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީން ބަލަމުން އަންނައިރު، ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ މައްސަލަ އޭސީސީ އަދި ފުލުހުން ގެންދަވަނީ ތަޙްޤީޤު ކުރަމުންނެވެ.