ރާއްޖޭގެ ފިނިކުރާ ނިޒާމްތަކުގައި އޯޒޯން ފަށަލައަށް ގެއްލުންދޭ ހައިޑްރޮކްލޯރޯފްލޯރޯކާބްންސް ބޭނުންކުރާ މިންވަރު މަދުކޮށް އެ ގޭސް އެތެރެކުރާ މިންވަރު މި އަހަރުގެ ނިޔަލަށް ހުއްޓާލާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ އޯޒޯން ދުވަހާ ގުޅިގެން އެންވާރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ދެއްވިި ބަޔާނުގައި ވިދާޅުވީ ރާއްޖެ އިން މިހާރު މަސައްކަތް ކުރަމުން ދަަނީ އޯޒޯން ފަށަލައަށް ގެއްލުންދޭ ގޭސް ބޭނުން ކުރުން މި އަހަރުގެ ނިޔަލަށް ހުއްޓާލުން ކަމަށެވެ.
މި ގޭސް ރާއްޖޭގައި ބޭނުން ކުރުން މި އަހަރުގެ ނިޔަލަށް ހުއްޓާލުމަށް 2010 ވަނަ އަހަރު ތައްޔާރުކުރި އެޗްސީއެފްސީ މަދުކުރުމުގެ މެނޭޖްމަންޓު ޕްލޭންގައި ވަނީ ކަނޑައަޅާފަ އެވެ. ބައިނަލްއަޤްވާމީ ގޮތުން މި ގޭސް ޤައުމުތަކުގައި ބޭނުންކުރެވޭނެ އެންމެ ފަހު ތާރީހަކީ 2030 އެވެ. މި އަމާޒަށް މި އަހަރު ވާސިލް ވެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރުގެ ބަޔާނުގައި ވަނީ ދެއްވާފައެވެ.
ހައިޑްރޮކްލޯރޯފްލޯރޯކާބްންސް އެންމެގިނައިން ބޭނުންކުރަނީ ކޮން ދާއިރާތަކެއްގައިތޯ ބެލުމަށާއި އެ ދާއިރާތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ ޝިއާރަކީ ”އޯޒޯން ފަށަލަ ހިމާޔަތްކުރުމުގައި 35 އަހަރު“ އެވެ.