އިންޑިއާގެ ފިލްމީ ރަސްގެފާނު އަމީތާބް ބައްޗަން އަދި އޭނާގެ އަންހެނުން ޖަޔާ ބައްޗަން މުމްބާއީގައި ދިރިއުޅެމުންދާ ގޭގެ ސެކިއުރިޓީ މުމްބާއީ ފުލުހުން އިތުރަށް ވަރުގަދަ ކޮށްފިއެވެ.
ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ އިންޑިއާގެ ފިލްމީ ދާއިރާ ބަދުނާމު ވާގޮތަށް ވާހަކަ ނުދެއްކުމަށް ޖަޔާ ބުނެފައި ވަނިކޮށެވެ. މަދު ބަޔަކު ކުރާ ކަމަކުން މުޅި އިންޑަސްޓްރީ ބަދުނާމު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން ދިޔަ މީހަކު މުޅި އިންޑަސްޓްރީ ބަދުނާމު ވާގޮތަށް ވާހަކަ ދެއްކުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ޖަޔާ ވަނީ މަޖިލީހުގައި ވާހަކަ ދައްކަމުން ބުނެފައެވެ. އަދި މިކަމުގެ ސަބަބުން އިންޑަސްޓްރީގައި ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތް ކޮށް އެތައް ބައެއްގެ އިހުތިރާމް ހޯދައިފައިވާ ފަރާތްތަކުގެ ބޮލުގައިވެސް ތުހުމަތު އެޅޭ ކަމަށާއި، މިކަމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޖަޔާ ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން އަންނަނީ ޖަޔާ އަށް އެކިވަރުގެ އިންޒާރު ތައް ދެމުންނެވެ. އަދި ބައެއް ފަރާތްތަކުން އޭނާއަށް މަރުގެ އިންޒާރުވެސް ވަނީ ދީފައެވެ. މުމްބާއީގެ ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، ޖަޔާ އަކީ މީހުންގެ އިހުތިރާމާއި ލޯބި ހޯދައިފައިވާ މީހެއް ކަމަށާއި، އެހެން ކަމުން އޭނާގެ ހަށިގަނޑަށް ނުރައްކާވާ ހަމަލާއެއް ބަޔަކު ދީފާނެ ކަމަށް ލަފާކޮށް ގޭގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރީ ކަމަށެވެ.
ޖަޔާ އަކީ ސަމަޖްވާދީ ޕާޓީގެ މަޖިލީސް މެމްބަރެކެވެ. ޖަޔާ މަޖިލީހުގެ ތަޅުމުގައި މިވާހަކަތައް ދައްކާފައި ވަނީ، އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރު އަދި ފިލްމީ ތަރި ރަވީ ކިޝަން، އިންޑިއާގެ ފިލްމީ އިދާރާއަކީ މަސްތުވާ ތަކެތި ބޭނުން ކުރާ ބަޔަކު އުޅޭތަނެއް ކަމަށް ބުނުމުންނެވެ.